މާސްކް ނާޅައި އުޅުނު 116 މީހަކަށް ނަސޭހަތްދީ ހަތަރު މީހަކު ފުލުހުން ޖޫރިމަނާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރޭ ދަންވަރު 01:00 އިން ފެށިގެން މަގުމަތީގައި މާސްކު ނާޅައި އުޅޭ މީހުންނާ މެދު ފުލުހުން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.
"މިއަދުގެ 01:00 އިން ފެށިގެން ފުލުހުން ވަނީ މާސްކު އެޅުން އެންފޯސްކުރަން ވެސް ފައްޓަވާފައި. އެބޭފުޅުން މިއަދު މާސްކު ނާޅައި އުޅޭ ފަރާތްތަކަށް އެންމެ ފުރަތަމަ ފަހަރު ނަސޭހަތްދެއްވާފައި ދެވަނަ ފަހަރުވެސް ރަނގަޅު ނުކޮށްފިނަމަ ފައިން ކުރެވެނީ. އެގޮތުން މިއަދު 116 ފަރާތަކަށް ނަސޭހަތްދެވިފައި، އަދި ހަތަރު ފަރާތެއް މިހާތަނަށް ވަނީ މިއަދު 01:00 އިން ފެށިގެން މިރޭ 09:00އާ ހަމައަށް ޖޫރިމަނާކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މާސްކު އެޅެމާއެކު ދެން ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ކުރިއެކޭ އެއްގޮތަށް އަޅަންޖެހޭނެ ކަމަށާއި އެގޮތުން އަތް ސާފުކޮށް، އެއްވެސް އަލާމާތެއް ހުރެއްޖެއްޔާ ބޭރަށް ނުނުކުމެ، ގޭގައި މަޑުކޮށް، ވީހާވެސް އަވަހަކަށް ފްލޫ ކުލިނިކަށް ދައްކަންވާނެ ކަމަށެވެ.
"ހާއްސަކޮށް އަޅުގަނޑުމެން އިލްތިމާސްކުރަން ވަރަށް ބޮޑަށް އުމުރުން ދުވަސްވީ ފަރާތްތައް އަދި އެކިއެކި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުން ގެންދާ ފަރާތްތައް ހުން އައުން، ނޭވާލާން އުނދަގޫވުން، ގައިގައި ރިއްސާ، ބޮލުގައި ރިއްސާ، މިކަހަލަ އަލާމާތްތައް ފެނިއްޖެއްޔާ ވީހާ އަވަހަކަށް ޑޮކްޓަރަށް ދައްކަވަން." އޭނާ ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ގައިޑްލައިނުގައި ގެއިން ބޭރުގައި އުޅޭއިރު ނޭފަތާއި ދަތްދޮޅި ނުވާވާ ގޮތަށް މާސްކު އެޅުން މަޖުބޫރުކޮށްފައިވެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުދިން، ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން ކަސްރަތު ކުރާ ވަގުތު އަދި އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުން އިސްތިސްނާވާ ގޮތަށް ކަމަށް އެޗްޕީއޭއިން އާންމު ކުރި ގައިޑްލައިނުގައިވެއެވެ.