ކުއްލި ޚަބަރު

މިއަދު ވެސް ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ، 156 މީހުން ޕޮޒިޓިވް

މިދިޔަ 24 ގަޑިއިރު ތެރޭ 156 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3949 އަށް އަރައިފިއެވެ.

މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެއްސަކާއި ބަންގުލަދޭޝްގެ 20 މީހަކާއި އިންޑިއާގެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ ހަ މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2613 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 1305 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 815 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 72 މީހަކު އެބަ ތިއްބެވެ.

މިމަހުގެ ތެރޭގައި ބައެއް ރަށްރަށުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް މީހުން ފެނިފަ އެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއިން ގޮސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންދިޔަ މީހުންނެވެ. މިހާރު އެކްޓިވްސް ކޭސްތައް ހުރި ރަށްރަށަކީ ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ބ. ކަމަދޫ، ބ. ހިތާދޫ، އެ އަތޮޅު ސީސައިޑް ފިނޮޅު، ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށި އަދި ވ. ފުލިދޫއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު ވަނީ މަރުވެފައެވެ. އެއީ 11 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދިހަ ދިވެއްސަކު ހިމެނެއެވެ.