ޚަބަރު

މިއޮތީ ހުރިހާ ބާރެއް ނަޝީދުގެ މުށުތެރެއަށް ލެވި، މަޖިލިސް ހައިޖެކްވެ، ވެރިކަމުގެ ބާރު ޕެރަލައިޒްވެފައި: ސައީދު

1

ހަގީގަތުގައި ރާއްޖޭގައި މިއަދު މިއޮތީ އެމްޑީޕީ ހުދުމުހުތާރުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މުށުތެރެއަށް ހުރިހާ ބާރެއް ލެވި، މަޖިލިސް ހައިޖެކްވެފައި ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމު، ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރު ޕެރަލައިޒްވެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އެއީ ނުކުޅެދޭ ވެރިއެއް ކަމަށެވެ.

"ހަގީގަތުގައި މިއަދު މިއޮތީ އެމްޑީޕީގެ ހުދުމުހުތާރުވެ، ނަޝީދުގެ މުށުތެރެއަށް ހުރިހާ ބާރެއް ލެވި، މަޖިލީސް ހައިޖެކްވެފައި. ވެރިކަން ހިނގުމުގެ ބާރު ޕެރަލައިޒްވެ، ނުކުޅެދޭ ވެރިއެއް މިއަދު އެތަނުގައި ހުރީ. އިތުރު ކަމެއް ނޫން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބާރުތައް ވަކިވެ، ދިމިކްރާތީ އުސޫލުން ދައުލަތް ހިންގޭނެ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ އެމްޑީޕީއަށް އެކަންކުރަން ނޭނގި ނުކެޅެދިފައިވާ ތަން ކަމަށާއި ފެންނަމުންދަނީ އެޕާޓީގެ އަޑާއި މަންޒަރު ދިމާނުވާތަން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.