އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައި އޮތް ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ތަސްލީމާ ވިދާޅުވީ، ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ ދަންވަރު 3:00 ހާއިރު ކަމަށާއި ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

އޭނާގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރި ކަމަށް ނުފެންނާތީ، އެއީ ކޮވިޑާ ގުޅުން ހުރި މަރެއް ކަމަށް ނުބަލާނެ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

ނަމަވެސް އޭނާގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދާނީ ކޮވިޑް ބަލީގައި މަރުވާ މީހުންނާ މެދު އަމަލުކުރާ އުސޫލުގެ ތެރެއިން ކަމަށާއި އަދި އެ ކޭސްއާ ގުޅިގެން އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި އިއްޔެ ވަނީ މީހަކު މަރުވެފަ އެވެ. ނޭވާލާން އުދަނގޫ ވެގެން އިއްޔެ ހެނދުނު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވި 71 އަހަރުގެ ދިވެހި އެ އަންހެން މީހާއަކީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 16 ވަނަ މީހާ އެވެ.

މީގެ ކުރިން އެބަލީގައި 10 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހެއް އަދި ފިލިޕީންސްގެ މީހަކު މަރުވެފައިވެ އެވެ.