މިއަދު ފާހަގަކުރަމުން މި އަންނަ އަޟްހާ އީދަކީ ގެވެށި ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ހެއްދެވުމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އިލްތިމާސް ކުރައްވައިފި އެވެ.
ރާއްޖޭގެ ރައްޔިތުންނަށް އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވައި ޖެންޑާ މިނިސްޓަރު ދެއްވި މެސެޖުގައި ވިދާޅުވީ، މިދިޔަ ފިތުރު އީދު ގިނަ ބަޔަކު ފާހަގަކުރަން ޖެހުނީ ގޭގައި ތިބެގެން ކަމުގައި ވިޔަސް މި އީދުގައި ގެއިން ބޭރަށް ނުކުމެ އީދުގެ އުފާ ފާޅުކުރުމަށް ކުޑަ ފުރުސަތެއް ލިބިފައިވާ ކަމަށެވެ. އެއީ ހުރިހާ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުން ކިޔަމަންތެރިކަމާއެކު އިރުޝާދުތަކަށް އަމަލު ކުރުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް. އެ އެދުމަކީ އީދުގެ އުފާ ފާޅުކުރަން ބޭރަށް ނުކުތުމުގެ ފުރުސަތު ލިބުނުކަމުގައި ވިޔަސް ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން. ބޭރުގައި އުޅޭއިރު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށާއި މާސްކު އެޅުމަށާއި އަދި ސާފުތާހިރުކަމަށް އަބަދުވެސް ސަމާލުވުން. ރައްކާތެރިކަމުގެ މި ފިޔަވަޅުތަކާއެކު މި އީދަކީ ގެވެށި ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ހައްދަވައިދެއްވުން،" ޖެންޑާ މިނިސްޓަރުގެ މެސެޖުގައި ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވަނީ، ހާއްސަ ރައްކާތެރިކަމާއި އަޅާލުމާއި ފަރުވާ ބޭނުންވާ މީހުންނާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި ކުޑަކުދިންނާއި ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ކެތްތެރިކަން ފާހަގަކުރައްވައިފަ އެވެ.
އޭގެ އިތުރުން މި މަރުކަޒުތަކާއި ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުގައި ތިބި މީހުންނަށް އަޅައިލައި ހިދުމަތް ދިނުމަށް އަމިއްލަ އާއިލާއާ ދުރުގައި ތިބި މުވައްޒަފުންގެ ހިތްވަރާއި ކެތްތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ