ކޮވިޑާ ގުޅިގެން ހާޑް އިމިއުނިޓީއަކަށް ދާން ދޫކޮށް ނުލެވޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް ޖެހުމަށްފަހު ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ހުންނަނީ ކިހާ ދުވަހަކަށް ކަމެއް އަދިވެސް ހޯދިފައެއް ނުވާ ކަމަށެވެ. ނަމަވެސް ބައެއް ހޯދުންތަކުން ތިން މަސް ދުވަހަށް އިމިއުނިޓީ ހުންނަ ކަމަށް ދައްކާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ހާޑް އިމިއުނިޓީ އަންނާނީ ބަލި ޖެހިފައި ރަނގަޅުވާ މީހަކު އުމުރު ދުވަހަށް އޭނާގެ ހަށިގަނޑުގައި އެންޓިބޮޑީސް ނުވަތަ ދިފާއީ ބާރު ހުންނަ ކަމަށް ވަނީނަމަ ކަމަށެވެ. އެހެންކަމުން ޔަގީންކަން ނެތް ކަމެއްގައި ހާޑް އިމިޔުނިޓީއަކަށް ދާން ދޫކޮށެއް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"..،މިހާ ޔަގީންކަމެއް ނެތް ކަމެއްގައި އަޅުގަނޑުމެން ދާނީ ހާޑް އިމިއުނިޓީއަށޭ ކިޔާފައި ދޫކޮށެއް ނުލެވޭނެ. ދެން ހާޑް އިމިއުނިޓީއަށް ދާން ވިސްނައިފިނަމަ އޭގެ މާނައަކީ އަޅުގަނޑުމެން އެބަ ގަބޫލު ކުރަމޭ އަޅުގަނޑުމެންގެ ތެރެއިން އުމުރުން ދުވަސްވީ ވަރަށް ގިނަ ފަރާތްތަކާއި ހައިރިސްކް ކެޓަގަރީގެ ގިނަ ބަޔަކު ބަލީގައި ނިޔާވެގެންދާނެއޭ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެ ލެވެލްއަށް ދާކަށެއް." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، މިހާތަނަށް ހާޑް އިމިއުނިޓީއަކަށް ދިޔަ އެއްވެސް ގައުމަކަށް އެކަން ކާމިޔާބުވެފައި ނުވާ ކަމަށާއި އެގައުމުތަކުން ކުރަން ޖެހުނީ ހިތި ތަޖުރިބާއެއް ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހަކަށް އައިސް ވަނީ 100 އަށްވުރެ އިތުރުވެފައެވެ. އެގޮތުން ރާއްޖެއިން މިއަދު އެކަނިވެސް 152 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.