ކުއްލި ޚަބަރު

މާސްކް ނާޅައި އުޅޭ މީހުން ހޮނިހިރު ދުވަހުން ފެށިގެން ޖޫރިމަނާ ކުރެވޭނެ: ޑރ. ނަޒްލާ

އަލީ ޔާމިން

މާސްކް ނާޅައި އުޅޭ މީހުން ހޮނިހިރު ދުވަހުން ފެށިގެން ޖޫރިމަނާ ކުރެވޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އާންމު ތަންތަނުގައި މާސްކު އަޅައިގެން އާންމުން އުޅޭތޯ ބެލުމުގެ މަސައްކަތް ފުލުހުން މިރެއިން ފެށިގެން ކުރާނެ ކަމަށާއި އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަމުންދާނެ ކަމަށެވެ.

"އާންމު ތަންތަނުގައި މާސްކް އަޅައިގެން އުޅޭތޯ ފުލުހުން މިރެއިން ފެށިގެން ބަލަމުން ގެންދާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އާންމު ތަންތަނުގައި މާސްކު އެޅުން މަޖޫބުރު ކުރަން ސަރުކާރުން ނިންމީ މިއަދުއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ހުއްދަ ނެތި ރޭގަނޑު 11:00 އިން ފަތިހު 5:00 އާ ދޭތެރޭގައި ބޭރުގައި އުޅޭ މީހުންގެ ކަންކަންވެސް ފުލުހުން ގާތުން މޮނީޓާ ކުރަމުން ގެންދާނެ ކަމަށެވެ.

މާސްކު އެޅުން މަޖޫބުރުކޮށްފައި މިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ، މާސްކް އެޅުން މަޖުބޫރު ކުރުމަށް ބައެއް ސިޔާސީ ޕާޓީތަކުންވެސް ސަރުކާރަށް ގޮވާލައިފައިވާ ދަނޑިވަޅެއްގައެވެ. މިއަދު އެކަނިވެސް 152 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.