ކުއްލި ޚަބަރު

ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު ޓެސްޓުގެ ނަތީޖާ ނުލިބެނީސް ބައެއް މީހުން ބޭރަށް ނުކުމޭ: ޑރ. ނަޒްލާ

އަލީ އަފާފު ރަމީޒު

ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު ޓެސްޓުގެ ނަތީޖާ ނުލިބެނީސް ބައެއް މީހުން ބޭރަށް ނުކުންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުން ރިލީޒް ކުރުމަށް ސާމްޕަލް ނުނަގަނީސް ބައެއް ފަރާތްތަކުން ބޭރަށް ނުކުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ބައެއް ފަރާތްތަކުން އަދިވެސް ކަރަންޓީނުން ރިލީޒް ކުރަން ސާމްޕަލް ނެގުމަށްފަހު ނޫނީ ސާމްޕަލް އަދި ނުނަގަނީސް އެބަ ބޭރަށް ނުކުމެވަޑައިގަންނަވާ. ބައެއް ބޭފުޅުން ހަފުލާތަކަށްވެސް ވަޑައިގަންނަވާފައިވޭ. ބައެއް ބޭފުޅުން އޮފީހަށްވެސް ނުކުންނަވާފައި އެބަހުރި،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އެގޮތަށް ރިލީޒް ސާމްޕަލް ނުނަގައި ބޭރަށް ނުކުތް ބައެއް ފަރާތްތައް ޕޮޒިޓިވްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިތުރު ބަޔަކު ބައްޔަށް ހުށަހެޅިގެން ގޮސްފައިވާ ކަމަށެވެ.

ކަރަންޓީންގައި 14 ދުވަސް ހަމަވި ނަމަވެސް ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ނުލިބެނީސް ބޭރަށް ނުނުކުމެވޭނެ ކަމަށާއި އެފަދަ ފަރާތްތަކުން އެވަނީ އެންގުމާ ހިލާފު ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މާލޭގައި ރިލީސް ސާމްޕަލް ނެގުން މާފަންނު މަދަރުސާއަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ސާމްޕަލް ނަގަނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އާ ހަމައަށެވެ. މީގެ ކުރިން ސާމްޕަލް ނަގަނީ ކަރަންޓީންގައި ހުންނަ މީހާ ހުންނަ ގެއަށް އާރުއާރުޓީ ޓީމު ގޮސްގެންނެވެ.