ކުއްލި ޚަބަރު

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންޓިބޮޑީ ޓެސްޓަކީ ބޭނުންކުރެވޭނެ ޓެސްޓެއް ނޫން: ޑރ. ނަޒްލާ

އަލީ އަފާފު ރަމީޒު

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންޓިބޮޑީ ޓެސްޓަކީ ބޭނުންކުރެވޭނެ ޓެސްޓެއް ނޫން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމުގެ ކަންކަން ދަނީ ވަކި އިންތިޒާމެއްގެ ތެރެއިން ކަމަށާއި ޓެސްޓްތައް ކުރެވިގެން ދަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށާއި ކޮވިޑް ޖެހޭ މީހުން ދެނެގަނެ ފަރުވާގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ވަކި ސާވޭލެންސް ނިޒާމެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން ބަލި ހުރި މީހުން ދެނެގަންނަން ހަދާ ޓެސްޓަކީ ޕީސީއާރު ޓެސްޓް ކަމަށާއި ޕީސީއާރު ޓެސްޓް ހަދަނީ ކަނޑައަޅާފައިވާ ނިޒާމެއްގެ ތެރެއިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެ ޓެސްޓް ހަދަނީ ހެލްތު މިނިސްޓްރީން ހުއްދަ ދޭ ތަންތަނުން، ވަކި މިންގަނޑުތަކަކުން ތަމްރީން ދެވިފައިވާ ފަރާތްތައް އެކަނި ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

"އެހެންކަމުން އެންޓިބޮޑީ ޓެސްޓަކީ އަދި މިވަގުތު ފަރުވާ ފެށުމަށް އަދި މީހުން އައިސޮލޭޓްކޮށް ކަރަންޓީން ކުރުމަށް މިވަގުތު ބޭނުން ހިފޭނެ ޓެސްޓަކަށް ނުވާތީވެ މިއީ ކޮވިޑް ކޮންޓްރޯލްކުރުމަށް މިވަގުތު ބޭނުން ކުރެވޭނެ ޓެސްޓެއް ނޫން. މި ޓެސްޓްގެ ވެލިއު އަކީ މުޅި އާބާދީ ތެރޭގައި މި ބަލި ޖެހިފައި ހުރީ ކިތައް މީހުންތޯ ބެލުން،" ނަޒްލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަކިވަކި ފަރުދުން އެންޓި ބޮޑީ ޓެސްޓް ހަދައިގެން އެމީހަކީ ކޮވިޑް ޖެހިފައިވާ މީހެއްތޯ ނުވަތަ ނޫންތޯ ބެލުން އެހާ ރަނގަޅު ނޫން ކަމަށެވެ.

ނަޒްލާ ވިދާޅުވީ މިގޮތަށް ޓެސްޓް ހަދަމުން ދިއުމަކީ ޓެސްޓް ހަދާ ފަރާތްތަކަށް އިތުރަށް އޮޅުންތަކެއް އަރާނެ ކަމެއް ކަމަށާއި ކޮވިޑް ޖެހިފައިވާ މީހުން ދެނެގަނެ އެމީހަކާ ކޮންޓެކްޓްވީ މީހުންނާއި ބަލި ޖެހިފައިވާ މީހުން އެކަހެރި ކުރުމަށް ކުރާ މަސައްކަތަށް ބުރޫ އަރާނެ ކަމަކަށް ވެގެންދާނެ ކަމަށެވެ. އެކަން ހުރިހާ ސިއްހީ އިދާރާތަކަށް އަންގާފައިވާނެ ކަމަަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ވަކި ކަހަލަ ހާލަތްތައް ދެނެގަތުމަށް އަދިވެސް އެންޓިބޮޑީ ޓެސްޓް ހަދަމުންދާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.