ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓެއް ހެދުމުން މަޖިލީހުގެ ހަރަދު ވާނީ ކުޑަ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބުގެ ދަށުން މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު އިއުލާން ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެތަންތަން ހަދާނެ ފަރާތެއް ހޯދަން މި މަހުގެ 22 ވަނަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ. މަޖިލީހުގައި ހަދާ ރެސްޓޯރެންޓު ހުންނާނީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައެވެ.

އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރެސްޓޯރެންޓު ހެދުމުން މެންބަރުންގެ ކޮއްތަށް ހިންގާ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.

"މަޖިލީހުގައި ރެސްޓޯރެންޓަކާއި ކަސްރަތު ކޮޓަރިއެއް މި ހަދަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ގޮތުގައި. އެއީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން. އެހެންވީމަ މަޖިލީހުގެ ބަޖެޓަށް ލުއިވެގެން ދާނީ ހަގީގަތުގައި ރެސްޓޯރެންޓު ހެދުމާ ގުޅިގެން. އެނގިވަޑައިގަންނަވާނެ މިހާރު ވަރަށް ބޮޑު އެއްޗެއް އެބަ ހަރަދު ކުރަން ޖެހޭ ކޮއްތަށް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކޮއްތަށް ދޭ އެއްޗެއް ކުޑަކޮށްފައި އެތަނުގައި ރެސްޓޯރެންޓެއް ހުރެ އެ ރެސްޓޯރެންޓުން މަޖިލިސް މެންބަރުންނަށް ހިދުމަތް ލިބޭނެ ގޮތްވުން" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެ ރެސްޓޯރެންޓް ހުޅުވުމުން ދާއިރާގެ ރައްޔިތުންނާއެކު މަޝްވަރާކޮށްލަން މެންބަރުންނަށް އެތަނަށް ވަޑައިގެންނެވޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށްވެސް ވަޑައިގެންނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރެސްޓޯރެންޓަކާ ފިޓްނަސް ސެންޓަރެއް ހަދަން ނިންމާފައިވާއިރު، މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި މަޖިލީހާ ބެހޭ އެހެނިހެން ވެސް މައުލޫމާތު ގަންނަން ލިބޭނެ ފަދަ ފިހާރައެއް ގާއިމް ކުރުމުގެ މަސައްކަތްވެސް މަޖިލީހުގެ ސޯޝަލް ކުލަބުގެ ފަރާތުން ކުރައްވާނެ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެ މަސައްކަތުގެ މާ ބޮޑު ތަފްސީލެއް އެއިރު ދެއްވާފައެއް ނުވެއެވެ.