ރިޕޯޓް

ހުރިހާ ދިވެހީން ގަސް ހައްދަނީ، މިއުޅެނީ ކިހިނެއް ވެގެންތަ؟

އަލީ ޔާމިން

3

މީސް މީޑިއާގެ މަންސަތައް ފުރިބާރުވެފައިވަނީ އެކި ޒާތްޒާތުގެ ގަސްތަކުންނެވެ. ކެކްޓަސްގެ ބާވަތްތަކާއި އަލޯވެރާއިންނެވެ. ސްނޭކް ޕްލާންޓާއި، ލިލީއިންނެވެ. މިހެން ގޮސް ގުނާ އަދަދު ނުކުރެވޭހާ ޒާތްޒާތުގެ ގަސްތަކުން މުޅި މީސް މީޑިއާ ވަނީ ފެހިކޮށްލައިފައެވެ. ގިނަ ދިވެހިންގެ މެދުގައި ގަސް ހެއްދުމާއި ބަގީޗާއަށް ލޯބިކުރުން ބޮޑުތަނުން އިތުރުވެފައިވާކަން މީސް މީޑިއާގެ މަންސަތަކަށް ނަޒަރު ހިންގައިލުމުން އެނގިގެންދެއެވެ. ކޮންމެވެސް ގަހެއްގެ ފޮޓޯއެއް ހިއްސާނުކުރާ މީހަކު މަދުވާނެއޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. ގަސް ވިއްކާ ފިހާރަތަކާއި އޮންލައިން ޕޭޖުތަކަށް އޮތް ޑިމާންޑް ވަނީ އިތުރުވެފައެވެ. ފުރަބަންދުގެ ހާލަތުގައިވެސް އެ ފަދަ ތަންތަނުގެ ދޮށުގައި ވަނީ ކިއު ދަމާލައިފައެވެ. މިކަމުންވެސް ގަސް ހެއްދުމަށް އާ ޖޯޝެއްގައި މަސައްކަތް ކުރާކަން އެބަ އެނގެއެވެ.

ފުރަމާލޭގެ ކޮންމެ ގެއަކީ މިއަދު ބަގީޗާއަކަށް ވެއްޖެއެވެ. ކުޑަނަމަވެސް ބެލްކަންޏެއް ހުންނަ ނަމަ އެތަން ފަޅުފިލުވައިލަދީފައިވަނީ އެކި ޒާތްޒާތުގެ އެކި ނަންކިޔާ ކުލަރީތި ގަސްތަކުންނެވެ. އޭގެ ތެރޭގައި މާ އަޅާ ގަސްތަކާއި މާ ނާޅާ ގަސްތައްވެސް ހިމެނެއެވެ. އަދި ބޭސްވެރިކަމަށް ބޭނުންކުރާ ޒާތުގެ ގަސްތައްވެސް ހިމެއެވެ. މާލެ އެކަންޏެއް ނޫނެވެ. އަތޮޅުތެރެޔަށް ބަލައިލިޔަސް ފެންނަނީ ހަމަ މި މަންޒަރެވެ. ބިމުގެ ގޮތުން އަތޮޅުތެރޭގެ ރަށްތައް މާލެއަށްވުރެ ތަނަވަހެވެ. އެހެންވެ، ރަށްތަކުގައި ހައްދާ ބަގީޗާތައް މާލޭގައި ހައްދާ ބަގީޗާތަކަށް ވުރެ ފުރިހަމަވެފައި މާ ޗާލެވެ.

ބައެއް މީހުން ގަސް ހައްދައި އުޅެނީ ހޮބީއެއްގެ ގޮތުގައެވެ. އަނެއްބައި މީހުން އެކަން ވިޔަފާރީގެ ބޭނުމަށް ކުރާއިރު، އެހެން މީހުން ކުރާތަން ފެނުމުން އެކަން ކުރާ މީހުންވެސް މަދެއް ނޫނެވެ. ގޭތެރެ ޒީނަތްތެރިކޮށްލައި، ފެހިކޮށްލުމުގެ ނިޔަތުގައި ގަސް ހައްދާ މީހުންވެސް ގިނައެވެ. އެކި ކިއްސަރަށް ހަދާފައި ހުންނަ އެކި ސައިޒުގެ ރެކްތަކުގައި ޕޮޓަށް ލައި ފައްތަރުކޮށްފައި ހުންނަ ގަސްތަކުން ގިނަ ގޭގެއަށް ވަނީ އިތުރު ފުރިހަމެކަމެއް ގެނެސްދީފައެވެ. ކޮޓަރިތައް އުޖާލާވެ، ސިޓިން ރޫމްތައް ވަނީ އެތައް ގުނައެއް ނަލަވެފައެވެ.

ކޮންމެޔަކަސް، ދިވެހިންގެ މެދުގައި ގަސްހެއްދުމުގެ ފޯރި މިވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި ފަހަކަށް އައިސް ގަސް ހެއްދުމަށް ދިވެހިން މާ ބޮޑަށް ޝައުގުވެރިކަން އުފެދި އެކަން ކުރަމުން އައިނަމަވެސް ބައެއް މީހުންގެ ނަޒަރުގައި އެއީ މޫސުމީ ކަމެކެވެ. އެމީހުން ދެކޭ ގޮތުގައި ދުވަސްކޮޅެއް ފަހުން ގަސް ހެއްދުމަށް އޮތް ލޯބި ކުޑަވެ، ފަޒާގެ ތެރެޔަށް ބުރައިގެންދާ ކުނޑިތަކަކަށް ވެދާނެއެވެ. އެމީހުންގެ އެބުނުމާ މުޅިއަކުން ދެބަހެއްވެސް ނުވެވޭނެއެވެ. އެއީ މާޒީއަށް ބަލައިލިޔަސް އެފަދައިން ކަންވެފައި ހުރުމުންނެވެ. އެއް ޒަމާނެއްގައި އެކި ޒާތްޒާތުގެ މަސް އާލާކޮށް، ގޭދޮށުގައި މަސް ފެންގަނޑު ހަދައިގެން އުޅުނު ޒަމާނެއްވެސް ދިޔައެވެ. އެފަހަރު މަސް ފެންގަނޑު ހެދުމަށް އެ ޖެހުނު ލޯތްބާއެކު ގިނަ ގެތަކުގައި ކޮންމެވެސް ޒާތެއްގެ މަސް ފެންގަނޑެއް ނުވަތަ މަސް ޓޭންކެއް ބެހެއްޓިގެން ދިޔައެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެކަމަށް އޮތް ލޯބިވެސް ހިނގައްޖެއެވެ. ދެން އައީ، އެކި ޒާތްޒާތުގެ ދޫނި ގެންގުޅުމުގެ ފޯރި ގަދަވި ދުވަސްވަރެކެވެ. ދުވަސްކޮޅެއް ފަހުން އެކަންވެސް ހިނގައްޖެއެވެ.

ގަސް އިންދުމުގެ ފޯރި ގަދަވީ ފުރަބަންދުގެ ސަބަބުންތަ؟

ކޮވިޑް 19ގެ ސަބަބުން މާލޭ ސަރަހައްދު އައިވެސް މިއޮތީ ފުރަބަންދުގައެވެ. ފުރަބަންދާއެކު ގިނަ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަނީ ހީވެސް ނުކުރާފަދަ ބަދަލުތަކެއް އައިސްފައެވެ. ގެތަކުގައި މީހުން ހޭދަކުރާ ވަގުތު އިތުރު ވެއްޖެއެވެ. އެކި ފަރާތްތަކުގެ ވަޒީފާއަށް އަސަރުކޮށް، ގޭގައި އިނދެގެން ނަމަވެސް އާމްދަނީ ހޯދޭނެ ކޮންމެވެސް ކަމެއް ކުރާ މީހުން މަދެއް ނޫނެވެ. އެގޮތުން، ލޮކްޑައުންއަށް ފަހު އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ގަސް ހެއްދުމަށް އޮތް ލޯބި އިތުރުވުމެވެ.

ހޮބީއެއްގެ ގޮތުގައި ގަސް ހައްދާ ޒުވާނަކު "ވަން" އަށް މައުލޫމާތު ދެމުން ބުނީ، ގަސް ހެއްދުމުގެ ޝައުގު އިތުރުވެގެން ގޮސްފައިވަނީ ލޮކްޑައުން އެންމެ ހަރުކަށިކޮށް ތަންފީޒުކުރި ދުވަސްވަރު، ގޭގައި އަބަދު އިންނަން ޖެހުމުން ފޫހިފިލުމުގެ ގޮތުން ކަމަށެވެ. އޭނާގެ ނަޒަރުގައި ގަސް ހެއްދުމަށް އޮތް ޑިމާންޑް މިހާ ބޮޑަށް އިތުރުވެފައި މިވަނީ މި ދުވަސްވަރު ގިނަ މީހުން ގޭގައި ގިނަ ވަގުތު ހޭދަކުރާތީއެވެ.

"އަބަދުވެސް ގަސް ހެއްދުމަށް ޝައުގު ހުރޭ. ނަމަވެސް ލޮކްޑައުންގެ ކުރީ ކޮޅު އަސްލު އައި އައިޑިއާއެއް މީ ގިނަ ބާވަތްތަކުގެ ގަސްތައް ހެއްދުމަކީ. ދެން ގޭގައި ގިނަވަގުތު ހޭދަކުރާތީ ގަސްތަކަށް އަޅައިލަން ޖެހޭ ވަރަށް އަޅައިވެސް ލެވޭ. ބައެއް ގަސްތަކަކީ ވަރަށް ކެއާ ކޮށްގެން ގެންގުޅެވޭ ބާވަތުގެ ގަސްތައް. ވަކި ފިނިހޫނުމިހެއްގައި ބަހައްޓަންވެސް ޖެހޭނީ" އޭނާ ބުންޏެވެ.

ހޮބީއެއްގެ ގޮތުގައި ވިޔަސް ވިޔަފާރީގެ އުސޫލުންވިޔަސް ގަސް ހެއްދުމަކުން ގެއްލުމެއް ނެތް!

ކޮންމެ ނިޔަތެއްގައި ގަސް ހެއްދި ނަމަވެސް އެކަމުން ގެއްލުމެއް ނެތް ކަމަށް ތިމާވެއްޓާ ބެހޭ އިލްމުވެރިން ވިދާޅުވެއެވެ. އެއީ، ގަސް ހެއްދުމަކީ ސިއްހީ ގޮތުން އެތައް މަންފާއެއް އެމީހަކަށް ނުވަތަ އެބަޔަކަށް ލިބޭނެ ކަމަކަށް ވާތީއެވެ. ގަސް ހެއްދުމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. ފިކުރު ބޮޑުވެ މާޔޫސްވުމާއި، މޫޑު ސަކަރާތްވުން ފަދަ ކަންކަމަކީ، އާންމު ދިރިއުޅުމުގައި ވަރަށް ގިނައިން ކުރިމަތިލާން ޖެހޭ ކަންކަމަށް ވާއިރު ގަސް ހެއްދުމާއި ފެހިކަން ގަދަ ގަސްތައް ފެންނަން ހުރުމުގެ ސަބަބުން އެ ފަދަ ކަންކަމަށް ބޮޑު ލުޔެއް ލިބިގެންދާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން، އޮކްސިޖަން ލެވެލް ރަނގަޅުވުމާއި، ވައި ސާފުވުމަށްވެސް ގަސްތައް އެހީވެދެއެވެ. އެހެންކަމުން މިއީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ފައިދާ ހުރި ކަމެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް ހެއްދުމަށް އުފެދުނު ފޯރީގައި، އެކި ވައްތަރުގެ ގަސް ހައްދައިފި އެވެ. މާބަގީޗާ އާއި ފެހިކަން ގަދަ ގަސްތަކެވެ. ތަރުކާރީ އާއި މޭވާ އެވެ. ގަސް ހެއްދުމުގެ ފޯރި ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަދަވެފައިވާއިރު، މިކަން މޫސުމީ ކަމަކަށް ނުހަދައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތް ހޯދަން އެބަޖެހެއެވެ. އެއީ ފެހިކަން ގަދަ މާހައުލަކީ، ދުޅަހެޔޮކަމާއި ގުޅިފައިވާ ކަމަކަށް ވުމުގެ އިތުރުން، އެތައް ދިރުންތަކެއް އާލާވުމަށްވެސް ބާރަކަށްވާތީއެވެ.