ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިޔަކު ހައްޕުނޑު ޖެހިކަމަށް ދެކެވޭ ވާހަކަތަކަކީ ރާވައިގެން ހިންގި ކަމެއް ކަމަށާއި އެކަން ކުރި ބަޔަކު ފުލުހުންނަށް އެނގޭނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެެއްގެ ގަޔަށް ހައްޕުނޑު ޖެހި ކަމަށްބުނެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފޮޓޯއާއެކު ޓުވީޓު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެމައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި ޖެހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ޔަގީން ކަމަކީ ޕްރިގްރެސިވް ކޯލިޝަނަކީ ދިވެހި ފުލުހުންނާއި ސިފައިންނަށް އިހުތިރާމްކުރާ ބައެއް ކަމަށާއި އެކަން ފުލުހުންނާއި ސިފައިންވެސް ދަންނާނެ ކަަމަށެވެ.

"ރޭގައި ހިނގައިދިޔަ ކަންކަމުގައި އަޅުގަނޑުމެން ގަބޫލު ކުރަނީ ރޭވުންތެރިކަމެއް އެބައޮތޭ. އެހެން ދަންނަވަން މިޖެހެނީ އިހުތިޖާޖު ފެށުމުގެ 10 ވަނަކަށް މިނެޓް ކުރިން، އެއީ 8:22 ގައި، އަޅުގަނޑު އެވަގުތު ގަޑިވެސް ބަލާލިން، އަޅުގަނޑު އަދި ޕީޕީއެމްގެ ރައީސް އަބުދުއްރަހީމް ޗާންދަނީ މަގުގެ ޕޭމަންޓްމަތީގައި ހުއްޓައި ފުލުސް އޮފިސަރެއް އައިސް، ސާމެން މިރޭ ކުޅުތަޅަން ތައްޔާރުވެފައި އޮތް ވާހަކަ. އެ މައުލޫމާތު ލިބިފައޭ އޮތީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނަކީ އެފަދަ ކަމެއް ކުރާނެ އަދި އެފަދަ ކަމަކަށް ހިތްވަރުވެސް ދޭނެ ބައެއް ނޫން ކަމަށާއި އެފަދަ ކަމެއް ކުރާނަމަ ހުއްޓުވަންވެސް ހުއްޓުވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ ފޮޓޯތަކަށް ބަލާލުން ކުޅުޖެހި ބަޔަކު ފުލުހުންނަށް އެނގޭނެ ކަމަށެވެ. އެގޮތުން ފުލުހުންގެ ގަޔަށް ކުޅު ޖަހާފައިވަނީ ކުރިމަތިން ކަމަށާއި އެހެންކަމުން އެ ޖެހިބަޔަކު ވަރަށް ރަނގަޅަށް ފުލުހުންނަށް އެނގޭނެ ކަމަށެވެ.

"މިކަންތައް ކުރިބަޔަކު ފުލުހުންނަށް އެނގޭނެ. މިކަމުގެ މައުލޫމާތު ކުރިޔާލައި ފުލުހުންނަށް އޮތީ އެނގިފައި. އެ މައުލޫމާތު ލިބުނު ސޯސްއަކުން އެ މައުލޫމާތު އަދިވެސް އެތެރެއަށް ފީނާށޭ. އިންވެސްޓިގޭޓް ކުރައްވާށޭ. އިންވެސްޓިގޭޓް ކުރައްވާފައި މި ހަޑިމުޑުދާރު އަމަލު ހިންގި ފަރާތް ތަހުގީގުގެ ކުރިމައްޗަށް ގެނެސް އެފަރާތަކަށް ދޭންޖެހޭ އަދަބު ދޭށޭ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތައް އެއްވި ސަރަހައްދު ފުލުހުންނަށް އެނގޭ ކަމަށާއި އެސަރަހައްދަކީ ވަރަށް ގިނަ ކެމެރާތައް ހަރުކޮށްފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން އެ ކެމެރާތަކުން ބަލައިގެން ކަންކުރެއްވި ފަރާތް ވަރަށް ފަސޭހަކަމާއެކު ހޯދޭނެ ކަމަށެވެ. އެކަން ކުރިބަޔަކަށް ހައްގު އަދަބު ދިނުމަށް ޝިޔާމް ވަނީ ގޮވާލައްވައިފައެވެ.