ދީފައިވާ އިރުޝާދުތަކަށް އަމަލުނުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ނެރެފައިވާ ބަޔާނުން ހަގީގަތް އޮޅޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް އެ މަނިކުފާނާ ސީދާ ބައްދަލު ވުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ބުނެ ވަކީލުންގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް19 އާ ގުޅިގެން ކަމަށް ބަޔާންކޮށް މިއަހަރުގެ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ، ގާނޫނީ ވަކީލުންނާ ބައްދަލުކޮށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަންސް އިން ހުރަސް އަޅަމުންދާ ކަމަށެވެ.

މިމަހުގެ އަށް ވަނަ ދުވަހު ރައީސް ޔާމީން ހައި ކޯޓަށް ހާޒިރުކޮށް ބޭއްވި އިސްތިއުނާފުގެ އަޑުއެހުމުގައި ރައީސް ޔާމީން، އެމަނިކުފާނުުގެ ގާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލުކޮށް މަޝްވަރާކުރަން ބޭނުންފުޅުވާތީ އެކަން ހުށަހެޅުއްވުމުން ވަކީލުންނާ ސީދާކޮށް ބައްދަލު ކުރެވޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ހައިކޯޓުން ދައުލަތަށް ވަނީ އަންގައިފަ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ، އެ އަޑުއެހުމަށްފަހު ޖުލައި 14 ވަނަ ދުވަހު ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބަޔާންކޮށް ވަކީލުންނަށް ކަރެކްޝަންސް އިން ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް ވަކީލު ބައްދަލުވުމަށް އެދޭ ފޯމު މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޔާމީނާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ސާވިސް އިން އިސްވެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބައްދަލުވުން ހަމަޖައްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވައިފައިވާނެ ކަމަށެވެ.

އެގޮތުން ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް މިހާލަތުގައި އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ފޮނުވުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެބައްދަލުވުމެއް އިންތިޒާމް ކޮށްދޭނެ ވާހަކަ އާއި އެކަމާގުޅޭ މައުލޫމާތު ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

"އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުންގެ ފަރާތުން މާލޭ ޖަލަށް ހުށަހެޅި ފޯމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު މާލޭ ޖަލުން ވަކީލުންނަށް ދީފައިވާނެ އެވެ. ނަމަވެސް، މާލޭ ޖަލުން ދީފައިވާ އިރުޝާދަށް އަމަލު ނުކޮށް، ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ އެކަމާމެދު ކަންބޮޑުވާ ކަމަކެވެ." ކަރެކްޝަންސްގެ ބަޔާނުގައިވެ އެވެ.