ގައިދީންނަށް ހާއްސަކޮށްގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައި، ކަރެކްޝަނަލް ސާވިސްގެ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާ ކުރަމުން، ކޮމިޝަނާ އޮފް ޕްރިޒަންސް (ސީޕީ) ހަސަން ޒަރީރު ވިދާޅުވީ، ޖަލުތަކުގައި 1950 ގައިދީން މިހާރު އެބަތިބި ކަމަށެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު، 54 ޕަސެންޓް އިތުރު ވުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ސެންޓްރަލް ޖަލު މާފުށީގައި ހުންނައިރު، ދުވާލެއްގެ މައްޗަށް 15 ވަރަކަށް ގައިދީން ކޯޓަށާއި، ޑޮކްޓަރަށް ދައްކަން މާލެ ގެންނަން ޖެހޭއިރު، އެއިން ކޮންމެ ގައިދީއަކާއެކު އޮފިސަރެއް އަންނަން ޖެހުމުން ބޮޑެތި ދަތިތައް ކުރިމަތިވާކަމަށްވެސް ވިދާޅުވިއެވެ.

މާފުށިން އެކަންކުރަން ބަލާއިރު އެރަށުގައި ތިބެނީ އެތެރެހަށީގެ ޑޮކްޓަރަކާއި، ހަމުގެ ޑޮކްޓަރަކާއެކު ދެ ޑޮކްޓަރުން ކަަށާއި، ގައިދީން ގިނައިން ޑޮކްޓަރަށް ދައްކަން ޖެހެނީ، ލޮލާއި ދަތުގެ ޑޮކްޓަރުންނަށް ކަމަށްވެސް ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، އެތެރޭގައިވެސް ކޮންމެވެސް ވަރަކަށް ޑޮކްޓަރުން ތިބޭތީ، އިންހައުސްކޮށްވެސް، ދުވާލެއްގެ މައްޗަށް 180 ވަރަކަށް ގައިދީން ޖަލު ޑޮކްޓަރުންނަށް ދައްކާ ކަމަށެވެ. ނަމަވެސް ހާއްސަ ޑޮކްޓަރެއް ނުހުންނާތީ، އިތުރު ޑޮކްޓަރުން ހޯދަން ކުރި މަސައްކަތުން، އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްދިން އޮނިގަނޑުގައި، ފުރަތަމަ ފަހަރަށް އެތަނަށް ހާއްސަަ ޑޮކްޓަރެއްގެ ގޮތުގައި ފިޒިޝަނަކަށް ހުއްދަ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ގައިދީންގެ ބެލެނިވެރިންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކިީ ޑޮކްޓަރަށް ދެއްކުމުގެ މައްސަލަ ކަަމަށެވެ. އެހެންކަމުން އެކަންކަން ހައްލު ކުރުމަށް ކުރި މަސައްކަތުން، ކަރެކްޝަން ސާވިސްގައި ފުރަތަމަ ފަހަރަށް ލޮލުގެ ކުލިނިކަކާއި ދަތުގެ ކުލިނިކެއް މިމަހުގެ ތެރޭގައި ހުޅުވަން ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ހުންނަ ކަރެކްޝަންސްގެ ކޮމްޕައުންޑްގައި މި ދެ ކުލިނިކް ހުޅުވާއިރު، އެތަނު ތެެރޭގައި އިމެޖެންސީ އެޑްމިޓް ކުރުމާއި ކޮންސަލްޓޭޝަން ގެ ހިދުމަތް ދެވޭނެ ކަމަށްވެސް ވިދަޅުވިއެވެ.

"ކަރެކްޝަނަލް ސާވިސްގެ ހޮސްޕިޓަލެއް ގާއިމް ކުރަން ޕޭޕަރަށް ގެނެސްގެން އެ މަސައްކަތް ހިނގަމުން އެބަދޭ، އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި އަންނަ އަހަރުގެ ޖޫންމަހާ ހިސާބުހައި އޭތި އެސްޓެބްލިޝް ކުރެވި އޮޕަރޭޝަނަށް ގެނެވޭވަރު ވާނެ،" ސަރީރު ވިދާޅުވިއެވެ.