އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިފައި އޮތް ފްލައިޓެއްގައި ދާން ހުރި ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހް "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވް ވި ކުޑަކުއްޖާއަކީ މިއަދު ހެނދުނު އިންޑިއާގެ ޓްރިވެންޑްރަމަށް ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓުގައި ދާން ހުރި ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާ ޕޮޒިޓިވް ވިކަން އެނގުނީ ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކުއްޖާ ޓްރިވެންޑްރަމަށް ފުރަން ދިޔައީ އެކުއްޖާގެ މަންމަ އާއި ބައްޕައާއެކު އެވެ. ކުއްޖާ ޕޮޒިޓުވް ވިކަން އެނގުމާއި ގުޅިގެން އެ ތިން މީހުން ވެސް ފުރަން އޮތް ލިސްޓުން ވަނީ އުނިކޮށްފަ އެވެ.

އާޝިޔާ ވިދާޅުވި ގޮތުގައި، އެ ފްލައިޓުގައި ފުރަން ހަމަޖެހިފައި އޮތް އިތުރު މީހަކު އިއްޔެ ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އޭނާގެ ނަން ވެސް މިއަދު ފުރަން އޮތް މީހުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ފްލައިޓް ޑިސްއިންފެކްޓް ކުރުން ކުރިޔަށް ދަނީ އެޗްޕީއޭގެ މިންގަނޑުތަކަށް. އެއަށްފަހު ފްލައިޓް ފުރުން ކުރިއަށްދާނެ،" އާޝިޔާ ވިދާޅުވި އެވެ.