ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ މާލޭގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ޗާންދަނީ ޖަންގްޝަން ކައިރިން މިރޭ ފެށި އެ މުޒާހަރާގައި އިދިކޮޅު ބައެއް އިސްވެރިންވެސް ބައިވެރިވެއެވެ.

މިރޭ ކުރިއަށްދާ މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފުލުހުން މިހާތަނަށް އަކަކު ވަނީ ހައްޔަރުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ތިބީ ސަރުކާރާ ދެކޮޅު ލިޔުންތައް ލިޔެފައިވާ ބޯޑުތަކެއް ވެސް ހިފައިގެނެވެ. އަދި މުޒާހަރާގެ ބައިވެރިން ދަނީ އަޑުގަދާ ކުރާއިން އެކި ޝުއޫރު ފާޅު ކުރަމުންނެވެ.

އެގޮތުން އެއްވުމުގެ ބައިވެރިން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުޅި ސަރުކާރު ފެއިލް ވެއްޖެ ކަމަށް ގޮވާލައި، ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވަމުންނެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށާއި ރާއްޖޭގައި އިތުރު ގައުމެއްގެ މީހުންނަށް ޖާގަ ނުދިނުމަށާއި ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ސަރުކާރުން ހިމާޔަތް ދެމުންދާ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

މިނިވަން ދުވަހާ ގުޅިގެންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ޗާންދަނީ ޖަންގްޝަންގައި މުޒާހަރާ ކޮށްފައެވެ. އެރޭވެސް ފުލުހުން ވަނީ ގާނޫނާ ހިލާފު މުޒާހަރާއެއް ކަމަށްބުނެ އެއްވުން ރޫޅާލައިފައެވެ.

އެ މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ފުލުހަށް ހާޒިރުވާން އަންގައިފައެވެ.