އިދިކޮޅުން ރޭ ކުރި މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
އެ ދެމީހުން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާއަށެވެ. އެގޮތުން މުހައްމަދު އިސްމާއިލް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 3:00 އަށެވެ. އަދި ނިމާލް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 4:00 އަށެވެ.
ފުލުހުން އެ ދެމީހުންނަށް ވަކިވަކިން ފޮނުވި ޗިޓުގައި ވަނީ ރޭ ޕީޕިއެމާއި ޕީއެންސީ އިސްވެ އޮވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައިވާ ކަމަށެެވެ. އަދި ގާނޫނާ ހިލާފަށް އަމަލު ކުރުމަށް އާންމުންނަށް ހިތްވަރުދީ، ގާނޫނު އަސާސީގައި ބަޔާންކުރާ އެއްތަނުން އަނެއްތަނަށް ދިއުމަށް އާންމުންނަށް ހުރަސް އަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ގާނޫނީ ތަންފީޒު ކުރަން ތިބި މުވައްޒަފުންނަށް ހުރަސްއަޅައި އެނގި ހުރެ ދައުލަތުގެ މަސައްކަތް ކުރުމަށް ދަތިކޮށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އެ ދެމީހުން ފުލުހަށް ހާޒިރުވާން އަންގާ ކަމަށް ޗިޓުގައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ރޭ ކުރި މުޒާހަރާގައި އެކަކު ވަނީ ހައްޔަރުކޮށްފައެވެ. ޗާންދަނީ ޖަންގްޝަން ކައިރިން ރޭ ފެށި އެ މުޒާހަރާ ކޮންޓްރޯލްކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަދި މުޒާހަރާ ކޮންޓްރޯލްކުރުމަށް ފަހުން އެސްއޯ ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.
އެ އެއްވުމުގެ ބައިވެރިން ގޮވާލާފައިވަނީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށާއި ރާއްޖޭގައި އިތުރު ގައުމެއްގެ މީހުންނަށް ޖާގަ ނުދިނުމަށާއި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހު، މިނިވަންކަންކަމުގެ އިހުސާސް ކުރެވިގެން ނުދާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.
އެ އެއްވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލްގެ ބައެއް މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު