އެމްޓީސީސީ

ފީވަކު ބަނދަރުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ށ. ފީވަކު ބަނދަރު ޑިޒައިން ކުރުމާއި ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ފީވަކު ބަނދަރު މަޝްރޫއުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 66 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގައި 356 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި 2،320 ސްކެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 69.3 މިލިއަން ރުފިޔާއެވެ.

ފީވަކު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި ދޭއްގައެވެ.