ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ފްރޮންޓްލައިންގައި ހިމެނޭ މީހުން ގިނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ފްރަންޓްލައިންގެ ނަންބަރުތަކަށް ބަލާއިރު، ކުރިއާ ހިލާފަށް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ފްރަންޓްލައިނުން ޕޮޒިޓިވްވެފައިވަނީ ކިތައް މުވައްޒަފުން ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

"ފްރަންޓްލައިނަށް ބަލައިލާއިރު އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ މިހާތަނަށް އަޅުގަނޑުމެންނަށް ފެނިފައި ނުވާ މިންވަރަށް ފްރަންޓްލައިން ކޭސްތައް އިތުރުވެފައިވާތަން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފްރަންޓްލައިންގައި ހިމެނޭ ފަރާތްތައް ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވަނީ ލޮކްޑައުންނަށް ދިން ލުއިތަކަށް ފުރިހަމައަށް އަމަލު ނުކުރެވެމުންނާއި، ލުއިތަކާއެކު ސަރުކާރުގެ އިތުރުން އެހެނިގެން ގިނަ އޮފީސްތައް ހުޅުވައި، އާންމު އުސޫލުން ހިދުމަތް ދޭން ފެށުމުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާތީ ކަމަށެވެ.

ފްރަންޓްލައިންގައި ހިމެނޭ ފަރާތްތައް ކޮވިޑަށް ޕޮޒިޓިވްވާލެއް އިތުރުވެފައިވާ އިރު، މި ފަހުން ވަނީ އައިޖީއެމްއެޗުގެ ބައެއް މުވައްޒަފުންނާއި ޓްރީޓޮޕްގެ ބައެއް މުވައްޒަފުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކުވެސް ޕޮޒިޓިވްވެފައެވެ. އޭގެ ކުރިން އެމްޓީސީސީގެ މުވައްޒަފަކާއި، އެސްޓީއޯގެ ބައެއް މުވައްޒަފުންވެސް ޕޮޒިޓިވްވެފައިވެއެވެ. އަދި ފުލުހުންނާއި ސިފައިންގެ ބައެއް ބޭކަލުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.