ކޮވިޑަށް ޕޮޒިޓިވްވާ ދިވެހިންގެ ކޮންޓެކްޓުން ވަރަށް ގިނަ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހަކަށް އައިސް އިތުރުވަމުންދާ ކަމަށެވެ. އެގޮތަށް ގިނަ ބަޔަކު ޕޮޒިޓިވްވަނީ ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލުނުކޮށް، ކޮވިޑުގެ ނުރައްކާ ހަނދާން ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ދިވެހިން ގިނަ ކަމަށާއި ދިވެހިންގެ ކޮންޓެކްޓުންވެސް ވަރަށް ގިނަ ކަމަށެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު އަޅުގަނޑުމެންނަށް ބުނަން ކެރޭނެ ދިވެހިން އެބަޖެހެއޭ އިތުރަށް ސަމާލުވެ، ބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެން މިދޭ އިރުޝާދުތަކަށް އިތުރަށް ސަމާލުވާން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ޕޮޒިޓިވްވާ ގިނަ މީހުންނަކީ އަލާމާތްތައް ހުރި މީހުން ކަމަށެވެ. އަދި މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ އިތުރުން ބިދޭސީންގެ މެދުގައިވެސް ކޮމިޔުނިޓީ ސްޕްރެޑް ވަރަށް ބޮޑަށް އެބައޮތް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭގައި ކޮވިޑަށް ރާއްޖެއިން ކޮވިޑަށް 50 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި 34 ދިވެހިން ހިމެނެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 3302 އަށް އަރައިފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19