ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގޮވައިލެއްވުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގަ އެވެ.

މިއަދު ފާހަގަކުރަމުން މި އަންނަ ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ދެއްވި ހިތާބުގައި ވިދާޅުވީ، ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ސުލްހަވެރިކަމާއި ހިކުމަތްތެރިކަމާއެކު ކުރި މަސައްކަތުން ކަމަށްވާއިރު ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީ ވެސް ސުލްހައިގެ މަތީގައި ކަމަށެވެ.

މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ތެރެއިން ގައުމު އާރާސްތުކުރަމުން ދާނީ ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީ ވެސް ބިނާވެފައި އޮތީ ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން އެންމެން އެއްބަސްވާން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި އަދި ކޮންމެ ކަމަކީ ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅާ ގުޅިގެން ކުރެއްވި ޓްުވީޓުގައި މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ އިންޒާމްގައި ވާދަވެރި ޕާޓީތައް މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އިލްތިމާސަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުލަތުގެ އިހުލާސްތެރި ވާދަވެރިޔާ އާއި އޭނާގެ ކެބިނެޓްގެ ފާޑުކިއުން މުހިއްމު ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.