އިގްތިސޯދުގައި ދިރުމެއް ނެތެ ނަމަ އެ ގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ގައުމުގެ ހާލަތު ދަށަށް ގޮސްފައިވާ ދުވަސްވަރެއްގައި، މިނިވަން ދުވަސް ފާހަގަކުރާއިރު ގައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ދިވެހިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑު ކަމަށެވެ.

އެގޮތުން ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ އިގްތިސާދަށް ކުރިމަތިވާ ހީނަރުކަން ކަމަށާއި ގައުމުގެ އިގްތިސާދުގައި ދިރުމެއް ނެތިއްޔާ، އެގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ނުރައްކާތައް ކުރިމަތިވަމުން އަންނާނެކަން ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު މިހާރު ވެސް ބިނާވެފައި އޮތީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިއީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު ކަމަށެވެ. އަދި އިގްތިސާދީ ހަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެއްގަމާއި ކަނޑުގައިވާ ގުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ ވައިގެ ބަނދަރުތައް ބަންދުކުރަންޖެހި، ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނައުމުން، ރާއްޖޭގެ މުޅި އިގްތިސާދު ކަރުތާފެނަށް ގަންބާލާފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑުގެ ސަބަބުން ބަންދުކުރިތާ ތިން މަހަށްފަހު، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅިވާލި ނަމަވެސް އިގްތިސާދީ ގޮތުން އަދި އޮތީ ދަތި އުދަނގޫ ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.