ރިޕޯޓް

އީދު އުފާކުރަންވެސް ޓީމުތައް ހަދައިގެން ރަށްރަށަށް ދަތުރު ނުކުރޭ! ރަށްރަށަށް ތި އުފުލަނީ ކޮވިޑް!

އީމާ މުހައްމަދު ވަހީދު

މުޅި ދުނިޔެއަށް މިވަނީ ނުރައްކާތެރި ކޯވިޑް 19 ގެ ވަބާއާ ކުރިމަތި ލާން ޖެހިފައެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާ މިވަނީ މި ކުޑަކުޑަ ދިވެހި ރާއްޖެއަށް ވެސް ކުރިމަތި ވެފައެވެ. ހަތަރު ވަރަކަށް މަހުގެ ލޮކްޑައުން އަކަށް ފަހު މިހާރު މި އަންނަނީ ރާއްޖެ ހިމެނޭ ގޮތުން ގިނަ ގައުމުތަކުން މަޑުމަޑުން އާއްމު ހާލަތަކަށް އެޅޭތޯ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް ކޯވިޑް ނުރައްކާތެރިކަމާއި ބިރުވެރިންކަން އެންމެ ތަންފުކެއްވެސް ކުޑައެއް ނުވެއެވެ. އަހަރެމެން އަދިވެސް ޖެހޭނީ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ތަބާވެގެން ރައްކާތެރިކޮށް އުޅޭށެވެ.

ފިތުރު އީދާއި އަޟްހާ އީދަކީ ދިވެހިންގެ ހިތްތަކާއި އެންމެ ކުރީ ޒަމާނުއްސުރެވެސް ގުޅިފައިވާ ދެ އީދެވެ. ހާއްސަކޮށް ބޮޑު އީދަށް ހުރިހާ ރަށްތަކުންވެސް ވަރަށް ކުރިން ތައްޔާރު ވާން ފަށާނެއެވެ. މަޖާ ކުޅިވަރުތައް އެންމެން އެކީ ކުޅުމަށް ރާވައެވެ. ދިވެހިންގެ ތެރޭގައި ބޮޑު އީދުގެ ފޯރިން ހަފުތާއަކަށް ދެމިގެންދެއެވެ. މިއަހަރުގެ އަޟްހާ އީދު ނުވަތަ ބޮޑު އީދު މިވަނީ ބޯމަތިވެފައެވެ. އެހެންނަމަވެސް ހިތާމައަކީ މިއަހަރުގެ އަޟްހާ އީދު އަހަރެމެންނަށް ވޭތުވެދިޔަ އަހަރުތަކުގައި ފާހަގަކުރި ފަދައިން ކުލަ ގަދަކޮށް ފާހަގަ ނުކުރެވޭނެތީއެވެ. ކޯވިޑް 19 ގެ ސަބަބުންނެވެ.

އާއިލާއާ ދުރުގައި ވަޒީފާ އަދާކުރާ މީހުންނަށް އީދު ޗުއްޓީއަށް އާއިލާ ކައިރިއަށް ނުދެވޭނޭ ބުނުމުން ހަމަގައިމުވެސް އެކަން ގަބޫލުކުރަން އުނދަގޫ ވާނެއެވެ. ލޯބިވާ މަައިންބަފައިންނާއި އަނބިމީހާއާއި ދަރިންނާއިއެކު އީދުގައި ވަގުތު ހޭދަކުރަން ކޮންމެ މީހަކުވެސް ބޭނުން ވާނެއެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކެވެ. މާލޭގައި ކިޔަވަން އުޅޭ ކުދިންވެސް އީދަށް ކޮންމެހެން ހަދާފައިވެސް ރަށަށް ދާން ބޭނުން ވާނެއެވެ. އެހެންނަމަވެސް ބައެއް ފަހަރު އަމިއްލަ ރައްކާތެރިކަމަށާއި އާއިލާއާއި ލޯބިވާ މީހުންގެ ރައްކާތެރިކަމަށް ބަލާފައި ބައެއް ކަންކަން ނުކޮށް ތިބެން ޖެހޭނެއެވެ. އަހަރެމެން އެންމެންނަށްވެސް އެނގޭނެ ފަދައިން ނުރައްކާތެރި ކޯވިޑް 19 ވައިރަސް ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންނެވެ. ހާއްސަކޮށް މާލެ ފާހަގަކޮށްލެވެއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގައި ވާގޮތުގައި މާލެއިން ކަރަންޓީނު ނުވާ ގޮތަށް ކޮވިޑް ނެތް ރަށަކަށް ދެވޭނީ ޒަރޫރީ ބޭނުމެއްގައެވެ. އެއީވެސް އެންމެ ގިނަ ވެގެން ފަސްދުވަހަށެވެ. އެހެންދާ މީހާ ހުންނަން ޖެހޭނީ އެކަމެއް ކުރުމަށް ހާއްސަ ކުރެވުނު ވަކި ތަނެއްގައެވެ. އެމީހާ އާންމުންގެ ތެރޭގައި އުޅެ، މަޖާ ނަގައި ހަދައިގެން ނުވާނެ އެވެ. އެއީ ވަރަށް ހާއްސަ ހާލަތްތަކުގައި ހާއްސަ ބޭނުންތަކަށް ދާ މީހުންނެވެ. އެއީ އެއްވެސް ހާލެއްގައި އީދު އުފާ ކުރުމަށް ދެވޭ ހުއްދައެއް ނޫނެވެ. އެނޫން ގޮތެއްގައި ރަށަކަށްދާ ކޮންމެ މީހަކުވެސް 14 ދުވަހަށް ކަރަންޓީނު ވެފައި، ބަލިހުރިތޯ ބެލުމަށް ޓެސްޓް ކުރަން ޖެހޭނެއެވެ. އާންމުންގެ ތެރެޔަށް ނުކުމެ އުޅެވޭނީ އެ ގޮތުން ކުރާ ޓެސްޓަށްފަހު ނެގެޓިވްވެ އެކަން އެޗްޕީއޭއިން ރަސްމީކޮށް އަންގައި އޭނާ ދޫކޮށްލުމުންނެވެ.

އެހެންނަމަވެސް ބައެއް ދިވެހިންނަށް "ޒަރޫރީ" މިބަހުގެ މާނަ ރަނގަޅަކަށް ނޭނގެއެވެ. އީދު ޗުއްޓީއަށް އެކުވެރިންނާއިއެކު މަޖާކޮށްލަން ރަށްރަށަށް ދިއުމަކީ ޒަރޫރީ ބޭނުމެއް ނޫނެވެ. ނުވަތަ ޗުއްޓީއަށް އާއިލާ ކައިރިއަށް ދިއުމަކީވެސް ޒަރޫރީ ބޭނުމެއް ނޫނެވެ.

ދެން އޮތީ އެއްރަށުން އަނެއް ރަށަށް އީދަށް ގުރޫޕު ހަދާފައި ދާވަހަކައެވެ. ނުރައްކާ އޮތީ މާލޭގައި އެކަންޏެއް ނޫނެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި ކޯވިޑް ނެތް ކަމުގެ ޔަގީންކަމެއް ނެތެވެ. ރާއްޖެތެރޭގައި ކޮވިޑު ނެތް ރަށްރަށުގެ މެދުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން އެއްވެސް ހުރަހެއް ނެތެވެ. އެހެންނަމަވެސް އޭގެ މަނާއަކީ ގުރޫޕުތައް ހަދާފައި ރަށްރަށަށް އީދު މަޖާ ނަގަން ދިއުމެއް ނޫނެވެ. ފަހަރުގައި ތިބާ އަށް ތިދެވެނީ ނުރައްކާތެރި ކޯވިޑް 19 ވައިރަސް ހިފައިގެން ކަމަށްވެސް ވެދާނެއެވެ. ނުވަތަ އީދު ފާހަގަކުރަން ތިދާ ރަށުން އެނބުރި އަންނަ އިރު އަނބިދަރިންނަށް ހަދިޔާއަކަށް ކޯވިޑް ހިފައިގެން އާދެވިވެސް ދާނެއެވެ. ކޮވިޑް ފެނުނު ބައެއް ރަށްރަށުން މި ބަލި ފެނިފައި ވަނީ ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ފުށުންނެވެ. އެހެން ގޮސް ތިބޭ މީހުންނާ އެމީހާ ހުންނަ ގޭގެ މީހުންނާ ވެސް ބައްދަލުވެ، އެމީހާ އެހެން މީހުންނާ ބައްދަލުވެ މިގޮތުން ބަލި ހުރި ނެތް މީހާ ނޭނގޭ ފަދަ ގޮތްގޮތަށް ވެސް ކޮވިޑް ފެތުރޭކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ އެވެ.

ވިސްނައިލާށެވެ. ސަރުކާރަށް 24 ގަޑިއިރު ރައްޔިތުން ފަހަތުން މުގުރު ހިފައިގެނެއް ނުދުވެވޭނެއެވެ. އަހަރެމެންގެ ބޮލުގައި ވެސް ޒިންމާތަކެއް އެޅިފައި އޮވެއެވެ. މާލެއިން ޒަރޫރީ ބޭނުމެކޭ ކިޔާފައި އޮޅުވާލާފައި ރަށަށް ދާ މީހާ އެންމެ ފަހަރަކުވެސް ރަށުގައި ތިބި މުސްކުޅި މައިންބަފައިންނާ ދޭތެރޭ ވިސްނާލިންތޯއެވެ؟ ނުވަތަ ގޭގައި އުޅޭ ކޮއްކޮމެންނާ ދޭތެރޭ ވިސްނާލިންތޯއެވެ؟ ދިވެހިރާއްޖެ މިއަދު މިއޮތީ މަޖާކޮށް އީދު ފާހަގަކުރާ ވަރަށްވުރެ ނާޒުކް ފައްތަރެއްގައެވެ. އެކުވެރިންނާ އެކު އީދު ފާހަގަކުރަން ރަށްރަށަށް ﷲ ގެ އިރާދަފުޅުން އަހަރެމެންނަށް ދެން އީދެއްގައި ވެސް ދެވިދާނެއެވެ.