ހުޅުމާލޭ ހޮސްޕިޓަލުގައި އޮތް މާބަނޑު މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މިކަން ޔަގީންކޮށްދީފައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެމީހާ ކޮވިޑަށް ޕޮސިޓިވް ވިކަން އެނގުނީ އެޑްމިޓް ކުރުމުގެ ކުރިން ހެދި ޓެސްޓުން ކަމަށެވެ. އެމީހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުން ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ފެނުން މިހާރު ވަނީ އިތުރު ވެފައެވެ. އެގޮތުން އައިޖީއެމްއެޗުންވެސް މީގެ ކުރިން ވަނީ ކޮވިޑްގެ ކޭސްތަކެއް ފެނިފައެވެ.

ކޮވިޑްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ 70 މީހަކު އިއްޔެ ވަނީ ބަލިން ރަނގަޅު ވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް އޭގެ ކުރީ 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 70 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2498 އަށް އަރާފައިވާ ކަމަށެވެ. އެ މުއްދަތުގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ 55 މީހުން ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 31 ދިވެއްސަކާއި ބަންގުލަދޭޝްގެ 21 މީހަކާއި އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ މީހެކެވެ.

ރާއްޖޭގައި ޖުމުލަ 3175 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 647 މީހެކެވެ.