ކޮންމެ ހުކުމަކަށް ފަނޑިޔާރުން ވަކިކުރާނަމަ އެމީހުން ކުރިން ކޮށްފައިހުރި ހުކުމްތަކާމެދު ރައްޔިތުން ކުރާ ސުވާލުތަކަށް ޖުޑީޝަލް ސާވިސް ކޮމީޝަން (ޖޭއެސްސީ) އިން ޖަވާބުދޭނެތޯ، އެމްްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ސުވާލު ކުރައްވައިފިއެވެ.

ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މިހެން ވިދާޅުވެ ސުވާލު ކުރައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޖޭއެސްސީން ފަނޑިޔާރުން ވަކިކުރުމާއި ސަސްޕެންޑް ކުރާ މައްސަލަތައް ފާހަގަކުރައްވައި" ޖޭއެސްސީ މެންބަރުން ހޭލައި ތިބެގެންވެސް ވަކިކުރަން ބޭނުން ފަނޑިޔާރުން ވަކިކޮށް ބޭނުންވާ ބަދަލުތައްގެނެސް ނިންމަންވީ ނޫންތޯ،" ވެސް މޫސަ ވަނީ ސުވާލު ކުރައްވައިފައެވެ.

ޖޭއެސްސީން އެންމެ ފަހުން ސަސްޕެންޑް ކޮށްފައިވަނީ، ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ. ފަނޑިޔާރު ޝުޖާއު އުސްމާން ސަސްޕެންޑު ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކުރި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައި އޮތް ދުވަހުގެ ކުރީ ދުވަހުއެވެ.

އޭގެ ކުރިން މިމަހު 22 ގައި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ޝުކޫރު ދެ މަހަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.

މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ރިޝްވަތު ނެގި ކަމުގެ ތުހުމަތު ކުރެވުނު ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ވަކިކުރަން ނިންމައި ޖޭއެސްސީން މިމަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. މީގެ އިތުރުން ހުސްވި މަހުވެސް ޖޭއެސްސީން ވަނީ ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އަޅައިފައެވެ.

މީގެ ކުރިން ހައިކޯޓުގެ ބައެއް ފަނޑިޔާރުންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ޖޭއެސްސީން ވަނީ މަޖިލީހަށް ހުށަހަޅައިގެން ވަކިކޮށްފައެވެ.