ކ. މާފުށީ ހޯމް ކަރަންޓީނުގައި ހުރި އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، އެރަށުން ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށަށް އައިސް އެއް ގެއެއްގައި ކަރަންޓީންވެގެން ތިބި ދެ އާއިލާއެއްގެ 12 މެންބަރުންގެ ތެރެއިން އެކަކު ކަމަށެވެ.
ޕޮޒިޓިވްވެފައިވަނީ 22 އަހަރުގެ އަންހެނެއް ކަމަށް އުސްމާން ވިދާޅުވިއެވެ. އަދި އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީންގެ 14 ދުވަސް ހަމަކޮށް، ނެގި ސާމްޕަލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުސްމާން ވިދާޅުވީ، ޕޮޒިޓިވްވި އަންހެން މީހާއާ އެއް ގެއްގައި ކަރަންޓީންވެގެން ތިބި ދެ އާއިލާގައި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެހެން އެންމެންގެ ނަތީޖާ ނެގެޓިވް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އުސްމާން ވިދާޅުވީ، ޕޮޒިޓިވްވި އަންހެން މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ރަށުތެރެއިން އިތުރު މީހަކު އެމީހާއާ ކޮންޓެކްޓްވެފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ޕޮޒިޓިވްވި އަންހެން މީހާ މިހާރު ވަނީ ވަކިން އެކަހެރިކުރެވިފައެވެ.
މާފުށީ ހޯމް ކަރަންޓީންގައި ހުރި މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު، ރޭގެ ވަގުތެއްގައި ވަނީ ޅ.ކުރެންދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ ވަނީ ބ. އޭދަފުށީ ހޯމް ކަރަންޓީންގައި ހުރި ދެމީހަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 55 މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 3175 އަށް އަރައިފައެވެ. އަދި ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 70 މީހުންނެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2498 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 647 މީހަކަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި އެއްވެސް މީހަކު ނެތެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 531 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19