ހުޅުމާލޭގެ ފޭސް ދޭއްގައި ހަދަމުން އަންނަ ޓަވަރެއްގެ 14 ވަނަ ބުރިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، މިއަދު މެންދުރު ފަހު 1:45 ގައި ފުލުހުންނަށް ރިޕޯޓްކުރި އެ ހާދިސާގައި މަރުވެފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދަމުން އަންނަ ޓަވަރުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އެމީހާ މަރުވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓި މީހަކު މަރުވެފައިވާއިރު، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ދެވަނަ ފޭސްގައި ހަދާފައިވާ ހިޔާ ފްލެޓް އިމާރާތަކުން ވެއްޓިވެސް ބިދޭސީއަކު ވަނީ މަރުވެފަ އެވެ.