ގާނޫނީ ވަކީލުކަމުގެ ހުވައި ކުރެވިފައި ނުވާ ފަރާތްތަކަށް އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައި، އެފަރާތްތަކަށް ހުވައި ކުރެވޭނެ ގޮތް ހެދުމަށް ބާ ކައުންސިލްގެ މައްޗަށް ލާޒިމްކޮށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުގެ ދެންމެ ފާސްކޮށްފިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ، ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 71 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިބިލުގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވައި ކުރެވިފައި ނުވާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށްގެން އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިޔަށް ގެންދަންވާނެ ކަމަށެވެ.
އެ ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ވަކިވަކި ބައިތަކާއި، އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަން ކުރާނެ ގޮތް ބަޔާންކުރާ އުސޫލު ބާ ކައުންސިލުން އެކުލަވާލައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެއުސޫލު ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އެ ތަމްރީނު ޕްރޮގްރާމް ފަށަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި، ގާނޫނީ ވަކީލުކަމުގެ ހުވައިކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަންވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައި ވެއެވެ.
މިބިލުގައި ބުނެފައިވަނީ ގާނޫނީ ވަކީލުކަމުގެ ހުވައި އާ ކުރުމުގެ ގޮތުން ގާނޫނީ ވަކީލު ކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިގާނުގައި ބައިވެރިވުން ލާޒިމުވާނެ ކަމަށެވެ.
ގާނޫނަށް މި އިސްލާހު ގެނެސްފައި މިވަނީ، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރިޔަސް، ވަކީލުކަމުގެ ހުއްދަ ދެވޭނީ އެއް އަހަރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށާއި، އެ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު ވެސް ބާ ކައުންސިލުން ދޭ ބާ އިމްތިހާނަކުން ފާސްވާން ޖެހޭކަމަށް ގާނޫނުގައި މިހާރު އޮތް ނަމަވެސް، 300 އަށްވުރެ ގިނަ ވަކީލުންނަށް އެ ފުރުސަތު ނުލިބި ތިބެން ޖެހުމުގެ ސަބަބުންނެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް