ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ފަރާތުން ހިންގަމުން ގެންދާ ހަމަނުޖެހުންތަކަކީ މުސާރަ ނުދީގެން ހިންގާ ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާތީ، ހަމަނުޖެހުންތައް ހިންގުމުގެ އަސްލު ސަބަބު ރައްޔިތުންނަށް ހާމަކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
ބިދޭސީންގެ މައްސަލައާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި އިއްޔެ ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ، މުސާރަ ނުލިބިގެން ކަމަށްބުނެ ކުރާ ކޮންމެ މުޒާހަރާއެއްގައި ވެސް ބިދޭސީން ފުލުހުންނާ ކުރިމަތިލާ ކަމަށާއި އެހެންކަމުުން އެކަމުގައި އެހެން ކަމެއް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ ރާއްޖެއިން މިހާރު ފެންނަމުންދާ މަންޒަރުތަކަކީ، އިސްތިއުމާރީ ބާރަކުން ރާއްޖެ ހިފާފައިވާ ފަދަ ގޮތަކަށް، ފެންނަ މަންޒަރުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް އެ ދެއްކެވި ވާހަކަތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. ބިދޭސީންގެ ކަންކަން މިހާރު ހުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބުގައި ކަމަށް ސަރުކާރުންނާއި ދިފާއީ ބާރުން ވިދާޅުވުމަކީ ވަރަށް ނުރައްކާތެރި އަދި އެހާމެ ކަންބޮޑުވުން ބޮޑު ވާހަކަތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
"ބިދޭސީން ހަމަނުޖެހުންތައް ހިންގުމުގެ އަސްލު ސަބަބު ރައްޔިތުންނަށް ހާމަކޮށްދިނުމާއެކު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ފަރާތުން ގައުމަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވެ، ތިބުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް ހަރުދަނާ ކަމާއެކު އެޅުމުގައި ސަލާމަތީ ބާރުތަކުގެ ލަފަޔާއި އިރުޝާދާއެކު އަވަސް ކުރުމަށް ސަރުކާރަށް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.
ބިދޭސީންގެ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އެހެންކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު