ވަކި ފަނޑިޔާރަކާ ދޭތެރޭގައި، ވަކި ގޮތެއް ގެންގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ރިޝްވަތު ނެގިކަމުގެ ތުހުމަތު ކުރެވުނު ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ވަކިކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުއްވި މައްސަލަ، ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެން ތިއްބެވީ، ރައްޔިތުންނަށް ވަކި ހައްސަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދު ވެވަޑައިގެން ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ވައުދަކީ ޝަރުއީ ނިޒާމު އިންސާފުގެ ނިޒާމަކަށް ހަދައި ދިނުމަށް ކުރެއްވި ވައުދު ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ މަސައްކަތް ކުރިޔަށް ދާނީ އެއް ރޭމަތިން ނޫން ކަމަށާއި، އެކަންތައް ކުރެވިގެންދާނީ، މަސައްކަތްތަކެއް ކުރެވިގެން އިޖުރާއަތްތައް، ފުރިހަމަކޮށް ދާއިމީގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެކަން ކުރެވިގެންދާނީ، އިދާރާތަކާއި މުވައްސަސާތައް ވަރުގަދަ ކޮށްދީ، މުއައްސަސާތަކަށް ކަންކަމުގައި ތެދުވެރިކަމާއި އެކު ކަންކަން ނިންމެވޭނެ ގޮތަށް ނިޒާމުތައް ފުރިހަމަކޮށްދެވިގެން ކަމަށްވެސް ވިދާޅުވިއެވެ.