ސަރުކާރުވައްޓާލަން އޮތް މަގަކީ، ރައިސުލްޖުމްހޫރިޔާއަށް ސަރުކާރު ނުހިންގޭވަރަށް މަތިބަރުކޮށްގެން ކަމަށް ދެކި، އެކަމުގައި ރައްޔިތުންގެ މަޖިލިސް ބައިވަރިވަމުން ދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް އުނދަގޫ ކުރުމުގެ ގޮތުން ދައުލަތުގެ ކޮސްޓް އޮފް އޮޕަރޭޝަން އިތުރު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް ނުހިންގޭވަރަށް (ސަރުކާރު)ގެ މަތި ބަރުކޮށްގެން މަޖިލިސް އެކަމުގައި ބައިވެރިވުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ނަަމަވެސް ޖާބިރު ވިދާޅުވީ، އެކަންކަމާގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެތްތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާއަށް އުނދަގޫ ކުރަންވެގެން ކޮސްޓް އޮފް އޮޕަރޭޝަން އިތުރު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން، މިރާއްޖޭގެ ސަރުކާރު ވައްޓާލުމުގެ މަގަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ނުހިންގޭވަރަށް މަތި ބަރުކޮށްގެން މިމަޖިިލިސްވެސް އޭގައި ބައިވެރިވެގެން ދަނީކަމަށް ވަންޏާ އަޅުގަނޑު ވަރަށް ހިތާމަކުރަން،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވި ކޮރޯނާ ވައިރަހުގެ ސަބަބުން، ރާއްޖޭގެ އިގުތިސާދު ފުނޑިގެން ގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަކުރަންޖެހޭ ކަމަށާއި، މަޖިލިސް މެންބަރުންގެ އަދަދުވެސް 48 ބަދަލު ކުރަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ކައުންސިލްތަކާއި އެލްޖީއޭ އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވީވެސް ހަރަދު ކުޑަ ކުރުމަށް ކަމަށެވެ. ކައުންސިލްތަކަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާއިރު، އެތަންތަނުން ކޮށްދިނީ ކޮންކަމެއްތޯ، ޖާބިރު ވަނީ ސުވާލު ކުރައްވައިފައެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު