ކޮވިޑަށް ވެކްސިނެއް އުފެއްދުމުން އެ ވެކްސިން އެންމެ އަވަހަށް ލިބޭނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ލ. ގަމާއި، ގއ. ވިލިނގިލީގައި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމަށް މިރޭ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވަކި ވަގުތަކަށް މަޑުކުރުމެއް ނެތި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑަށް ވެކްސިނެއް އުފެއްދުމާއެކު އެ ވެކްސިން ރާއްޖެއަށް ލިބޭނެ މަގު ތަނަވަސްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާއެކު މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"ކޮވިޑަށް ވެކްސިނެއް ހޯދިއްޖެނަމަ ރާއްޖެއަށް އަވަހަށް ވެކްސިނެއް ލިބޭނެ މަގު ތަނަވަސްކުރުމަށް ކުރަން ޖެހޭ މަސައްކަތް ސަރުކާރުން ފަށައިގެން މިހާރު ކުރިއަށް އެބަގެންދަން. ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން ފެށި ކޯލް ފޯ އެކްޝަންގައި ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ވެކްސިނެއް އުފައްދަން ދުނިޔެ އިން ކުރަމުން އަންނަ މަސައްކަތް ލަސްތަކެއް ނުވެ ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަށް މާ އަވަހަށް އަދި ފަސޭހައިން މި ބަލިން އަރައިގަނެވޭނެ ކަމަށެވެ. އެހެން ގައުމުތަކާ އަޅާބަލާއިރު މި ބައްޔަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރު ވަރަށް ވެސް ރަނގަޅު ކަމަށާއި ދިވެހިންނަކީ ހޭލުންތެރި ބަޔަކަށް ވާތީ ރާއްޖެއަށް މި ފުރުސަތު ބޮޑު ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މި ބަލިން ސަލާމަތްވުމަށް އެހެން އެއްވެސް ގައުމަކުން މަސައްކަތް ނުކުރާ ވަރަށް ދިވެހި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ. ރާއްޖެއަކީ ވަސީލަތްތަކާއި ކަމުގެ ތަޖުރިބާކާރުން ވެސް މަދު ގައުމަކަށް ވެފައި ރާއްޖޭގެ ހާލަތު މިހާ ރަނގަޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަވަސް ވިސްނުންފުޅާއި މަސައްކަތްޕުޅު ކަމަށް ވިދާޅުވިއެވެ.
"ހާއްސަކޮށް ދުނިޔޭގެ ހަތަރު ބިތުން މި ބަލީގެ އަލާމާތްތައް ފެނުމާއެކު ދިވެހިން މި ބަލިން ސަލާމަތްކުރުމަށް ރައީސް އިސްނެންގެވި ނެންގެވުމަކީ މި ހިސާބަށް އާދެވުމުގެ މައިގަނޑު އެއް ސަބަބު ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ،" އަމީން ވިދާޅުވިއެވެ.
ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވުމުން ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ މުއާމަލާތުގެ ޓެކްނޮލޮޖީ ނުވަތަ ޓެލެމެޑިސިންނާއެކު މި ދާއިރާއިން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިހާރު ކޮވިޑާ ގުޅޭ އެކަށީގެންވާ މައުލޫމާތުތައް އެބަހުރި ކަމަށާއި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އަތޮޅުތަކަށް އިސްކަން ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ދިރިއުޅޭ ހިސާބަކުން ފަރުވާ ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު