ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން މުސާރަ ނުދީގެން ކަމަށްބުނެ ކުރަމުންދާ މުޒާހަރާތަކުގައި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ މުސާރައިގެ މައްސަލައެއް ނޫން ކަމަށާއި، އެކަމުގައި ފޮރުވިފައިވާ އެހެންކަމެއް ފާހަގަ ވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ބިދޭސީންގެ މައްސަލައާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ، މުސާރަ ނުލިބިގެން ކަމަށްބުނެ ކުރާ ކޮންމެ މުޒާހަރާއެއްގައިވެސް ބިދޭސީން ފުލުހުންނާ ކުރިމަތިލާ ކަމަށެވެ. އެހެންކަމުުން އެކަމުގައި އެހެން ކަމެއް ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ކޫއްޑު އާއި ހެރެތެރެ އައިލެންޑް ރިސޯޓްގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ޑިމާންޑަކަށް ވީ ރަށަށް ދިއުން ކަމަށްވިޔަސް، އެ ހަމަނުޖެހުންތަކުގައި ފުލުހުންނާ ކުރިމަތިލުން އިތުރު ކަމަށާއި، އެހެންކަމުން އެކަމުގެ ފަހަތުގައި ވަނީ މުސާރައިގެ މައްސަލަ ނޫންކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހިޔާގެ ފްލެޓްތަކުުގެ މަސައްކަތްކުރާ މީހުންވެސް މުސާރަ ނުދީގެން ކަމަށްބުނެ މުޒާހަރާ ކުރީ، އައިލެންޑް އެކްސްޕާޓްގެ ފަރާތުން މުސާރައިގެ ކަންތައް ކޮންމެވެސް ވަރަކަށް ދެމުން ގޮސް އެކަމާ ވާހަކަ ދައްކަމުން ދަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މީހުން ނުކުމެ ވެސް ހަމަނުޖެހުން ހިންގާފައިވާ ކަމަށާއި، ބޮޑު ފިނޮޅުގައި ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ފުލުހުންނަށް ހަމަލާދިނުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވާގޮތަށް ބިދޭސީން އުޅުމުގެ ހުއްދަ ދެއްވެން ނެތް ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް މިއަދު ވިދާޅުވީ، ރާއްޖެއިން މިހާރު ފެންނަމުން މިދާ މަންޒަރުތަކަކީ، އިސްތިއުމާރީ ބާރަކުން ރާއްޖެ ހިފާފައިވާ ފަދަ ގޮތަކަށް، ފެންނަ މަންޒަރުތައް ކަމަށެވެ. އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަމާލް މިއަދު ވިދާޅުވީ ރާއްޖޭގައި ހިންގާ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ބިދޭސީންގެ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އެހެންކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ