ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ އިސްތިއުފާ ދެއްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ފަނޑިޔާރު ހަސަން އިސްތިއުފާ ދެއްވާފައި މިވަނީ، އެ ކޮމިޝަނުން ބަލަމުން އަންނަ ސުލޫކީ މައްސަލައިގައި ޖަވާބުދާރީ ވުމަށް އޭނާއަށް ދިން މުއްދަތު ހަމަވެ، ފަޑު އަޑުއެހުމަށް މިއަދު ހާޒިރުވުމަށް އިއްޔެ އަމުރު ފޮނުވާފައިވަނިކޮށް ކަމަށެވެ.
ފަނޑިޔާރު ހަސަންއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި 2014 ވަނަ އަހަރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުންނަވައިގެން ފުލުހުންގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހަކާ ގުޅިގެން ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ ސުލޫކަށް އަސަރު ކުރާފަދަ ކަމެއް ހިނގާފައިވޭތޯ އެވެ.
އެ މައްސަލައާ ގުޅިގެން 16 ސެޕްޓެމްބަރު 2019 އިން ފެށިގެން ޖިނާއީ ތަހުގީގު ނިމި ވަކި ގޮތަކަށް އަންގަންދެން ހަސަން އަލީ ހުންނެވީ ސަސްޕެންޑް ކޮށްފަ އެވެ.
ޖޭއެސްސީން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ކުރާ ތަހުގީގުގެ މަސައްކަތް ނިންމައި، ޖަވާބުދާރީވާން ހަސަން އަލީއަށް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓް ފޮނުވި ކަމަށެވެ. އަދި އެއަށް ޖަވާބުދާރީވުމަށް ލިބިވަޑައިގަންނަވާ ހަތް ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ޖަވާބު ނުދެއްވާ ކަމަށެވެ.
އެހެންކަމުން މިއަދަށް މައްސަލައިގެ އެންމެ ފަހު އަޑުއެހުން ތާވަލުކޮށް ހާޒިރުވުމަށް އަންގާފައި ވަނިކޮށް އިސްތިއުފާ ދެއްވުމުން، ހަސަން އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ. ނަމަވެސް ހަސަން އަލީއާ ގުޅޭ ގޮތުން ތައްޔާރުކުރި ތަހުގީގު ރިޕޯޓް އާންމު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ޖޭއެސްސީ އަކުން ނުބުނެ އެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު