ދިވެހިރާއްޖޭގެ ތާރީޚު

ދިޔަމިގިޔަށް އޮއްސުނު އިރު.. އެރީ ހުރައިންނެވެ!

މުހައްމަދު ނާޖިހު

4

ދުނިޔޭގެ ތާރީޚަކީ އޭގެ މައްޗަށް ވިސްނައި ފިކުރު ހިންގާ ކޮންމެ މީހަކަށްމެ ނުލާހިކު ގިނަ އިބުރަތާ ދަރުސް ލިބެނިވި އެއްޗެކެވެ. ތާރީޚު ދައްކައިދެނީ މާޒީގެ ފިލާވަޅުތަކެވެ. ބުނެދެނީ މުސްތަގުބަލަށް ހުރި އިބުރަތްތަކެވެ. މި ތާރީޚުގެ މައްޗަށް ނަޒަރު ހިންގައިފި ކޮންމެ މީހަކަށްމެ މިފަދަ އެތައް ފިލާވަޅުތަކަކާއި އިބުރަތްތަތަކެއް ލިބިގެންދާނެއެވެ. އެފަދަ ވާހަކަތަކަކީ ލައްކަ ގިނަ އެއްޗެއްވެސްމެއެވެ. އާދެ! މިބާވަތުގެ ވާހަކަތަކުގެ ތެރެއިން ދުނިޔޭގެ ތާރީޚު ދެކެފައިވާ ބޮޑެތި އަންބަރާތޫރީ ވެރިކަންތަކާއި އެ ވެރިކަންތަކުގެ ފެށުމާއި ނިމުމުގެ ވާހަކަތަކަކީ ޕޮލިޓިކަލް ސައިންސާއި އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ އިލްމީ ދާއިރާތަކުގެ މެދުގައި ވަރަށް މަގުބޫލު ވާހަކަތަކެކެވެ. މި ދެންނެވި ދާއިރާގެ ތެރެއިން ދިރާސާތައް ހައްދަވާ ބޭބޭކަލުންގެ މައިގަނޑު ނަޒަރެއްކަމުގައިވެސް އެެފަދަ ވާހަކަތައް ވެގެން ގޮސްފައިވެއެވެ.

ދުނިޔޭގެ ނިސްބަތުން ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނީވެސް ވަރަށް ދޮށީ އުމުރެއް ލިބިފައިވާ ގައުމެއްގެ ވެރި ބަޔެކެވެ. އަދި މުސްތަގިއްލު ސިވިލައިޒޭޝަނެއްގެ ދަރަޖަ ލިބިފައިވާ ބަޔަކު ދިރިއުޅެމުން އައިސްފައިވާ ގައުމެއްގެ ވެރިބަޔެއްވެސްމެއެވެ. ސިވިލައިޒޭޝަނެއްގެވެރި ބަޔެއްތޯ ނުވަތަ ނޫންތޯ ބަޔަކު މިންކުރަނީ އެބަޔެއްގެ ތެރޭގައި ހިފެހެއްޓިފައި ހުންނަ ޚާއްސަ ސިފަތަކެއްގެ މައްޗަށް ބެލުމަށް ފަހުގައެވެ. މި ދެންނެވި ފަދަ ޚާއްސަ ސިފަތަކުގެ ތެރޭގައި އެ މުޖުތަމައެއްގެ ތެރޭގައި ހިފެހެއްޓިފައި އޮންނަ އަހުލާގީ މިންގަނޑުތަކާއި އެބަޔެއްގެ އަދުލުވެރިކަން ދެމިއޮތް މިންވަރާއި އެ މުޖުތަމައެއް ތެރޭގައި ހުނަރުވެރިކަމާއި ފަންނުވެރިކަން ކުރިއަރާފައި އޮތް މިންވަރާއި އެބަޔެއްގެ ތެރޭގައި އޮތް ވެރިކަމުގެ ހައިބަތާއި އޭގެ ކުލަގަދަކަމާއި އަދި އިލްމީ ކަންކަމަށް ޖާގަ ދެވިފައިވާ މިންވަރު ފަދަ ކަންކަން ހިމެނިގެންވެއެވެ.

އާދެ! މީގެ އެތައް ހާސް އަހަރެއްކުރީން މި ރާއްޖޭގެ ރަށްތަކަށް ކޮންމެެވެސް ސަބަބަކާއިހުރެ ހިޖުރަކުރި އަޅުގަނޑުމެންގެ ކާބަފައިން މި ގައުމު ބިނާކޮށްފައިވަނީ އިސްވެ ދެންނެވުނުފަދަ އެތައް ސިފައެއް އެކުލެވިގެންވާ ގޮތުގެ މަތީންނެވެ. އެބަޔަކު މިތަނަށް ހިޖުރަކުރި އިރު އެއައި ކަރަޔަކުން ގެނެސްފައިވާ ތަހުޒީބީ އުސޫލުތަކާއި މިންގަނޑުތައް މި ރަށްތަކުގެ މާހައުލާ ގުޅޭނޭ ގޮތުން ބަދަލުކޮށް ފައްތައިފައިވަނީ ކިތަންމެހައިވެސް މޮޅަށެވެ. ޒަމާނަކަށްފަހު ޒަމާނެއް ދައުރުވުމުގައި އިންސާނީ ތަބީއަތަށް އައިސްފައިވާ ބަދަލުތަކާއެކުވެސް ދެންނެވެން އޮތީ ދިވެހި ކާބަފައިން އެޒަމާނުގައި ގެންގުޅެފައިވާ ބައެއް ޙަޟާރީ މިންގަނޑުތަކަކީ މިޒަމާނުގެ މީހުންވެސް އަޖާއިބުވާނޭހާ ފުރިހަމަ މިންގަނޑުތަކެއްކަމުގައެވެ.

ދިވެހި ސިވިލައިޒޭޝަނުގެ މާޒީގެ މައްޗަށް ނަޒަރު ހިންގާލައިފިނަމަ އެމީހަކު ހޯދާން އުޅުނު ކޮންމެ ކުލައެއްވެސް ފެންނާނެއެވެ. އޭގެ ރީއްޗާއި ހުތުރެވެ. ހުދާއި ކަޅެވެ. ބައެއް މީހުން ހީކުރާ ގޮތުގައި މިއީ އަޅުގަނޑުމެންގެ ތާރީޚަށް އެކަނި އޮތްކަމެކެވެ. ދިވެހި ތާރީޚަކީ ކަޅު އަނދިރި އެހާމެ ހުތުރު އެއްޗެކޭ ބުނާ އަޑު އިވެމުންދަނީ މިހެންވީމައެވެ. އެހެންނަމަވެސް އިންސާނާ މުޅި އިންސާނިއްޔަތުގެ ތާރީޚުގެ މައްޗަށް ފަސް އެނބުރި ބަލައިފިނަމަ އެއިންވެސް އެމީހަކު ހޯދާން އުޅުނު ކޮންމެ ކުލައެއް ހަމަ ފެންނާނެތެވެ. މިއީ ދުނިޔަވީ ހަޔާތުގެ ހަގީގަތެކެވެ. މިކަމަކުން ވަކި ދިވެހީން އިސްތިސްނާވާންވީ ސަބަބެއްނެތެވެ. އަޅުގަނޑުމެންގެ މިދިގު ތާރީޚުގައިވެސް އެކި ދާއިރާތަކަށް ނުލާހިކު ބޭނުންތެރި އިބުރަތާއި ދަރުސްތަކެއް ލިއްބައިދޭ ނުހަނު ގިނަ ފިލާވަޅުތައްވެއެވެ. މާޒީގެ މިފަދަ ފިލާވަޅުތަކަކީ ތައުލީމީ ދާއިރާތަކުން ކުރިޔަށްދާ ކުދީންނަށް ނުލާހިކު ބޭނުންތެރި ފިލާވަޅުތަކެކެވެ.

މިގޮތުން މިއަދުގެ މައުލޫއަކީ ދިވެހި ތާރީޚުގެ ތެރެއިން ދެންނެވި ދިޔަ ފަދަ އިބްރަތްތެރި ދަރުސްތައް ލިބެނިވި ހާދިސާތަކެއްގެ މައްޗަށް އެކުލެވިގެންވާ މައުލޫއެކެވެ. ވަރަށް ދިގުކޮށް ލިޔެވިދާނެވެސް މައުލޫއެކެވެ. އެހެންނަމަވެސް މިފަދަ މަޒުމޫނަކަށް އެކަށީގެންވާ މިންވަރަށް މުޚުތަސަރު ގޮތަކަށް މައުލޫގެ މައްޗަށް އިންސާފުކޮށްލެވޭތޯ މަސައްކަތްކޮށްލާނަމެވެ.

އާދެ! ޚަބަރު ފިލާން އޮތް އެންމެ ދުރު ޒަމާނުންފެށިގެން ނަވާރަސޭތަކައިގެ އަހަރުތަކުގެ މެދެއްހައި ހިސާބަށް މިރާއްޖެ ހިނގަމުން އައިސްފައިވަނީ ރަސްކަމުގެ ނިޒާމަކަށެވެ. އެކި ޒަމާންތަކުގައި ދިވެހި ސިންގާސަނާ ފަޅުފިލުއްވައިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ނިކުންނެވި ބޭބޭފުޅުންނާއި އެބޭބޭފުޅުންގެ ދަރިފަސްކޮޅުންނެވެ. އެއް އިރެއްގައި މާޅޮސް މަޑުލުން ބޭފުޅަކު އަނެއް އިރެއްގައި ތިލަދުންމަތިން ބޭފުޅަކު އަނެއް އިރެއްގައި ހުވަދު އަތޮޅުން ބޭފުޅަކު މިހެން ގޮސް އެކި އަތޮޅުތަކާއި ރަށްތަކުގެ ބޭބޭފުޅުންނެވެ. އެއިން ކޮންމެ ހިސާބަކުން އެރި އިރު އޮއްސިގެންދަނީ އޭގެ އަނެއް ހިސާބުން ނިކުންނަވާ ބޭފުޅަކަށް ސިޔާސީ މަސްރަހުން ލިބިވަޑައިގަންނަވާ ފުރުސަތުގެ ބޭނުން ހިއްޕަވާލެއް މޮޅުކަމާއި ގެންގުޅުއްވި ހިކުމަތާ ހީލަތުގެ ސަބަބުންނެވެ. މިގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ފާހަގަ ކުރެވޭ އެއް ހާދިސާއަކީ ކޮޅުމަޑުލު ދިޔަމިގިލީން އެރި އިރު މާލެ އަތޮޅު ހުރަޔަށް އޮއްސިގެންދިޔަ ދިޔުމެވެ. މިއީ ތާރީޚުގައި ފާހަގަކުރެވޭ ކަޅުވެސް ހާދިސާއެކެވެ. އެހެނަސް ދިރާސީ ނަޒަރަކުން ވިސްނާ މީހަކަށް މިހާދިސާއިންވެސް މުހިންމު ނުކުތާތަކެއް ފެންނާނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ.

މީލާދީން 1700 ގެ އަހަރުތައް ފެށިގެން ދިޔައީ ދިވެހި ސިންގާސަނާގައި ވެޑުވުނު އައު ރަސްދަރިކޮޅަކާއި އެކީގައެވެ. އޭގެ ކުރީން ވެރިކަން ކުރަމުން ދިޔަ އިސްދޫ ދަރިކޮޅުން އެންމެފަހަށް ވެރިކަން ކުރެއްވި ރަދުން ހައްޖު ދަތުރުފުޅުގައި ތޫފާނެއްގައި ޖެހި ނައުކޮޅާއެކު ޣަރަގުވެގެންދިޔަ ޚަބަރު މާލެޔަށް ފޯރުމުން ދެން ރަސްކަމުގެ ދާނުގައި ވެޑުވުނީ އެރަދުންގެ ބޮޑުވަޒީރަކަށް ހުންނެވި ދިޔަމިގިލީ މުހައްމަދު ދޮށިމޭނާ ތަކުރުފާނެވެ. މި ތަކުރުފާނު އައްސުލްތާނު މުހައްމަދު އިމާދުއްދީނު ދޭއްގެ ނަންފުޅުގައި ތަޚުތަށް އިސްވެވަޑައިގެންނެވި ހިސާބުން މުޅީން އައު ދަރިކޮޅެއްގެ ވެރިކަމަށް އަލިވިލުނީއެވެ. ވެރިކަމުގެ ދާއިރާއިން ހައްދުންމަތީ އިސްދޫއަށް އިރުއޮއްސި ކޮޅުމަޑުލު ދިޔަމިގިއްޔަށް އިރުއެރީއެވެ. މި ވެރިކަން ބައި ގަރުނަށްވުރެ ގިނަ އަހަރުތަކެއް ވަންދެން ދެމިއޮތުމަށްފަހު އޮއްސިގެންދާން މެދުވެރިކުރުވި ހާދިސާއަށް ވަނުމުގެ ކުރީން އެ ހާދިސާއަށް ޖާގަ ކުރިމަތި ކުރުވި އެހެން ހާދިސާއަކަށް އިހަށް ޖެހިލާން މަޖުބޫރުވެއެވެ. އެއީ ހޮޅީން މާލެ އަރައި ދިވެހީންގެ މިނިވަންކަން ނިގުޅައިގަތް ހާދިސާއެވެ.

ހިޖުރައިން 1166 ވަނަ އަހަރުގެ ސަފަރު މަހުން 13 ވީ ބުދަ ވިލޭރޭ (މީލާދީން 20 ޑިސެމްބަރު 1752) ގައި ކަންނަންނޫރު އަލީރާޖާ ފޮނުވި ހޮޅީންގެ ބަޔަކު މާލެ އަރައި އެތައް ތަނެއް އަންދައި އެތައް ބަޔަކަށް ބޮޑެތި އަނިޔާދީ ބޮޑުގަނޑުވަރަށް ވަދެ ރަސްކަމުގެ ކޮއިލުތެރެ އަންދާލައި މާލެ ހިފިއެވެ. އަދި އޭރު ތަޚުތުގައި ވޮޑިގެން އިންނެވި ކޮރުބަންޑާރައިންގެ ގޮތުގައި ތާރީޚުގައި މަޝްހޫރުވެފައިވާ އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީނާއި އެރަދުންގެ ބޭބޭފުޅު އިބްރާހީމް ރަސްގެފާނުންގެ ދަރިކަލުން އަލްއަމީރު މުޙައްމަދު މަނިކުފާނު (މިއީ ފަހުން އައްސުލްތާނު މުހައްމަދު ޣިޔާސުއްދީނު) ރަހީނުކޮށްގެން މަލާބާރުކަރަޔަށް ގެންދިޔައެވެ. އަދި އެ ދެބޭފުޅުންނާއެކީ ކޯލާޑި ސައްޔިދު މުހައްމަދު ހޮޅިނަހާގެ ފަސްމެންދޫ ހަސަން ހަކުރާ ތަކުރުފާނުގެ އަލްވަޒީރު ޙުސައިން ޝާހުބަންދަރުގެ ދަރިކަލުން އަލްވަޒީރު މުހައްމަދު ޝާހު ބަންދަރާއި ހުރާ އަލްވަޒީރު ހުސައިން ދަހަރަދަ ތަކުރުފާނުންގެ ދަރިކަލުން އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނާއި މި މުހައްމަދު ފާމުލަދޭރި މަނިކުފާނުގެ ހުސައިން މަނިކުފާނާއި ރަސްގެފާނުގެ ޚާދިމް މުރުއްބާ މުހައްމަދު ކަލޭގެފާނު ވެސް ގެންދިޔައެވެ. ހޮޅީން ރަހީނުކޮށްގެން ގެންދިޔަ ކޮރުބަންޑާރައިންނަކީ ދިޔަމިގިލީ ޚާންދާނުގެ ރަސްކަން ގާއިމުކުރެއްވި ބޮޑުބަންޑާރައިންނަށްވި އައްސުލްތާނު މުޒައްފަރު މުހައްމަދުއިމާދުއްދީނުގެ ދެވަނަ ދަރިކަލުންނެވެ. އަދި ބޮޑުބަންޑާރައިންނަށް ފަހު ރަސްކަންކުރެއްވި އިބްރާހީމް ރަސްގެފާނަށްވި އައްސުލްތާނު އިބްރާހީމް އިސްކަންދަރު ދޭއްގެ ކޮއްކޯފުޅެވެ.
މާލެ އެރި ހޮޅީންގެ ތެރެއިން އެއްބަޔަކު ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން އަސީރުކޮށްގެން ގެންދިޔުމަށްފަހު މާލޭގައި ގާއިމުވެ ތިބި ހޮޅީންގެ މީހުން މާލޭގައި ތިބި ރައްޔިތުންނަށް އަނިޔާކޮށް ހީލަތާއި މަކަރުން އެވަގުތު ފަނޑިޔާރަކަށް ހުންނެވި އަލްޤާޟީ ހަސަން ތާޖުއްދީނުގެ ދަރިކަލުން އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު އެމީހުންގެ ވެރިޔަކު ކަމުގައި ލައިގެން އެކަލޭގެފާނަށް ބައިއަތު ހިފައިގެން ދުވަސްކޮޅެއް ވާންދެން ތިއްބެވެ. އޭގެ ދުވަސްކޮޅެއް ފަހުން މި ފަނޑިޔާރު ކަލޭގެފާނާއި އެކަލޭގެފާނާ އެއްބަފާ އަހުމަދު މުހްޔިއްދީނު ކަތީބު މަނިކުފާނާއި ދެބެއިން ހިފައި ހައްޔަރުކޮށް އަނިޔާކޮށް އެދެބޭފުޅުން ނިޒާމުން ގެއްލުވާލިއެވެ. މިކަމެއް ހިނގީ ހިޖުރައިން 1166 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 21 (މީލާދީން 1753 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 25) ވަނަ ދުވަހުގައެވެ. އޭގެ ފަހުން އެ ދެބޭފުޅުންނަށް ވީނުވީ ގޮތެއް ނޭނގެއެވެ. ކަނޑުފައްތައި ޝަހީދުކޮށްލީ ކަމަށްވެސް ބުނެވެއެވެ. ދެން އެއަށްފަހު ހޮޅީންގެ ފަރާތުން އަލީރާޖާއަށް ތާނިޔާ ކިޔައި މާލޭގައި ދިވެހިރާއްޖޭގެ މައްޗަށް ވެރިވެ ހުރީ މަލިކު މުޙައްމަދު ބަނޑޯރު މަނިކޭ ކިޔުނު މީހެކެވެ. ބެލެވޭ ގޮތުގައި އަލީރާޖާގެ ކަނޑުގެ ސިފައިންގެ ލަޝްކަރަށް އެހާ ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ދުއްވާފައި އައިސް މާލެ އެރި އެރުމުގައި މަގުދައްކާން ހުންނާނޭ މީހަކީ މި މަލިކު ބަންޑޯރު މަނިކެވެ. 1752 ގައި އަލީރާޖާގެ ލަޝްކަރު ރާއްޖެއަށް ހަމަލަ ދިނުމާ ހަމަޔަށް މަލިކު އޮތީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައެވެ. އެއީ ބޮޑުރަސްގެފާނުންގެ ދަރިކަލުން އިސްކަންދަރު މަހާރަދުން މަލިކު ހިއްޕެވި ހިސާބުން ފެށިގެންނެވެ. ކޮންމެއަކަސް މީލާދީން 1752 މިއީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުމުގެ އިތުރަށް ދިވެހިރާއްޖެއިން އެއް އަތޮޅު ގެއްލިގެން ދިޔަ އަހަރެކެވެ.

މާތް ރަސްކަލާނގެ ހެޔޮ ރަހުމަތުން އަނިޔާވެރި ހޮޅީންގެ މީހުންނަށް މި މާލެ ހިފައިގެން ރާއްޖޭގެ މައްޗަށް ވެރިކަން ހިންގުނީ ތިން މަހެއްހާ ދުވަހުއެވެ. އާދެ، ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (މީލާދީން 1753 ގެ އޭޕްރީލް 7) ވީ އާދީއްތަވިލޭރޭ ހޮޅީން ގެންދިޔަ މުހައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދަރިކަލުން މުލީގޭ ދޮން ހަސަން މަނިކުފާނުގެ ގިޔާދަތުގައި ދިވެހީންގެ ތެރެއިން ހިތްވަރުގަދަ ފަހުލަވާނުންތަކަކާއެކުގައި ނިކުމެވަޑައިގެން ހޮޅީންނާއި ހަނގުރާމަކުރައްވައި ދިވެހިރާއްޖެ މިނިވަންކުރެއްވިއެވެ. އިނގިރޭސީން އިންޑިޔާއޭ ކިޔުނު ބައްރުގެ މައްޗަށް ވެރިވެ އެބައްރުގެ އެކި ގައުމުތައް ހިފަމުން އައިސް އަލީރާޖާގެ ވެރިކަމުގެ ދަށުގައި ހުރި ތަންތަން ހިފައި ބްރިޓިޝް އިންޑިޔާގެ ދަށަށް ގެންގޮސް އެއަށްފަހު ރިޕަބްލިކް އޮފް އިންޑިޔާގެ ދަށަށް ދިޔައެވެ. އާދެ! މުލީގެ ދޮން ހަސަން މަނިކުފާނު އެ ދުވަހު ހޮޅީންނާ ދެކޮޅަށް ނިކުމެވަޑައިގެން ހަނގުރާމަ ނުކުރެއްވި ނަމަ އިންޑިޔާގެ ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދީޕް ފަދައިން މިރާއްޖެވެސް އޮތީހީ ޔޫނިއަން ޓެރިޓަރީ އޮފް މާލްދީޕްގެ ގޮތުގައެވެ. އެކަމަކު ނަމަނަމަޔަކުން ރިހަޔެއް ނުކެއްކޭނެތީއާއި އޯގާވަންތަ މާތް ރަސްކަލާނގެ ހެޔޮރަހުމަތްފުޅުން ދޮން ހަސަން މަނިކުފާނު މެދުވެރި ކުރައްވައި އެފަދަ ހާލަތަކަށް ދިވެހިރާއްޖެ ދިޔުމުން ސަލާމަތްކުރެއްވީއެވެ. އެކަމަށްޓަކައި ދިވެހީން އެމަނިކުފާނަށް ދަރައި އޮތް ދަރަންޏަކީ އަގުނުކުރެވޭނެ ވަރުގެ ބޮޑު ދަރަންޏެކެވެ.

ކޮންމެއަކަސް މުލީގޭ ދޮން ހަސަން މަނިކުފާނު ހޮޅީންގެ އަނިޔާވެރި ވަކިތަކުން ދިވެހިރާއްޖެ ސަލަމާތްކުރައްވައި ހަނގުރާމައިގައި ހޯއްދެވި ކާމިޔާމީގެ ސަބަބުން އެތައް ބައެއްގެ އެދުމަކަށްވީ ދޮން ހަސަން މަނިކުފާނު ރަސްކަމަށް އިސްވެވަޑައިގެންނެވުމެވެ.‬ އެހެންނަމަވެސް ހޮޅީން ގެންދިޔަ ރާއްޖޭގެ ރަދުން ދުނިޔޭގައި އެއިރު ހުންނެވުމާއެކު އެކަމާއި އެމަނިކުފާނު އިންކާރު ކުރެއްވިއެވެ.‬ އަދި ދިޔަމިގިލީ ޚާންދާނުގެ ދެ ރަސްދަރިކަނބަލެއް އިސްކުރައްވައިގެން "ޤާއިމު މަޤާމް" އެއް ފަދައިން ހުންނަވައިގެން ދިޔަމިގިލީ ދަރިކޮޅުގެ ނަމުގައި ވެރިކަން ހިންގެވީއެވެ.‬ މިގޮތުގައި ހުންނަވަނިކޮށް 1757 ވަނަ އަހަރު ހޮޅީން ގެންދިޔަ ރަދުން މަލިކުގައި ހައްޔަރުވެ ހުންނަވައި އަވަހާރަވިއެވެ.‬ ދޮން ހަސަން މަނިކުފާނު ރަސްކަމަށް އިސްވެވަޑައިގެންނެވީ މި ރަދުން އަވަހާރަވުމާއި އަދި ގައުމު އޮތީ އާރާސްތުކޮށް އާބާދުކުރާނެ ވެރިޔަކަށް ބޭނުންވެފައިކަމަށް އެތައް ބަޔަކު ދެންނެވުމުންނެވެ.‬ ރަސްކަމަށް އިސްކުރެވުނީ އައްސުލްތާނު ހަސަން އިއްޒުއްދީންގެ ނަންފުޅުގައެވެ.‬ ތާރީޚުގައި މަޝްހުރުވީ ދޮން ބަންޑާރައިންގެ ނަންފުޅުންނެވެ.

އާދެ! ދިޔަމިގިއްޔަށް އޮއްސުނު އިރު ހުރައިން އެރީއެވެ. އެހެންނަމަވެސް އަދި ދިޔަމިގިލީން އެއްކޮށް އިރު އޮއްސުނީކީ ނޫނެވެ. ދޮންބަންޑާރައިންގެ ރަސްކަމުގައި ހުންނަވަނިކޮށް ހޮޅީން ގެންދިޔަ ދިޔަމިގިލީ ދަރިކޮޅުގެ ވަލީއަހުދު އިބްރާހިމް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު މަނިކުފާނަށް އެނބުރި ރާއްޖެ ވަޑައިގެންނެވުނެވެ.‬ މި މަނިކުފާނު ހޮޅީންގެ ކިބައިން މިނިވަން ކުރައްވައި ރާއްޖެ ގެންނެވުމަށް ދޮން ބަންޑާރައިންވެސް މަސައްކަތް ކުރެއްވިއެވެ.‬ ވީމާ ދިޔަމިގިލީ މުހައްމަދު މަނިކުފާނަށް ރާއްޖެ ވަޑައިގެންނެވުގެ ނަސީބު ލިބިވަޑައިގަތުމަކީ ދޮން ބަންޑާރައިންނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެކެވެ.‬ އަދި އެމަނިކުފާނު މާލެ ވަޑައިގަތުމުން ދޮންބަންޑާރައިންގެ ރަސްކަމުގެ ވަލީއަހުދެއް ކަމަށް މި މުހައްމަދު މަނިކުފާނު ހެއްދެވިއެވެ.‬

ދިޔަމިގިލިން މުޅީން އެކަށް އިރު އޮއްސުމުގެ ކޮޅުމަތި ފެނިގެން ދަނީ މިހާ ހިސާބުންނެވެ. އާދެ! ދޮންބަންޑާރައިންގެ ވަލީއަހުދުކަމުގައި ދިޔަމިގިލީ މުހައްމަދު މަނިކުފާނު ކަނޑައެޅުއްވި ހިސާބުންނެވެ.‬ އެހެނީ އެކަން ވީ ދޮންބަންޑާރައިންގެ އާއިލާގެ ބޭފުޅުން ރުހިވަޑައިގަންނަވާ ކަމަކަށް ނޫނެވެ. ސަބަބަކީ އެބޭފުޅުންގެ ނަޒަރުގައި މިހާރު ރަސްކަމުގެ ހައްގު އޮތީ އެދަރިކޮޅަށެވެ.‬ އާދެ ހުރަވީ ދަރިކޮޅަށް ކަމުގައެވެ.‬ އެހެންނަމަވެސް ދޮން ބަންޑާރައިން އަވަހާރަވުމުގެ ދާންމަތިކޮޅުގައި އޮންނަވައި "ދިވެހި ރަސްކަން މުހައްމަދު މަނިކުފާނާ ހަވާލޭ މަގޭ ދަރީން ﷲ އާ ވަކީލޭ" ވިދާޅުވެ ކުރެއްވި ވަސިއްޔަތްޕުޅާ އެއްގޮތަށް ރަސްކަމަށް އިސްކުރެވުނީ ދިޔަމިގިލީ މުހައްމަދު މަނިކުފާނެވެ.‬ ރަސްކަމަށް އިސްވެވަޑައިގެންނެވީ އައްސުލްތާނު މުހައްމަދު ޣިޔާސުއްދީންގެ ނަންފުޅުގައެވެ. މިދުވަހަށްފަހު ހުރަވީ ދަރިކޮޅުގެ ބޭފުޅުން އަބަދުމެ ތިއްބެވީ އެބޭފުޅުންގެ އަތަށް ވެރިކަން ފިރުކައިގަނެވޭނެ ފުރުސަތަކަށް ބައްލަވަބައްލަވައެވެ. މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ހުރާ މުހައްމަދު މަނިކުފާނެވެ.‬ މިއީ އަވަހަރާވި ދޮން ބަންޑާރައިންނަށް ބޮޑުބޭބޭ ވިދާޅުވާ ބޭފުޅެކެވެ.‬ ޣިޔާސުއްދީން ރަދުންގެ ރަސްކަމުގައި މި ބޭފުޅުން ރަސްކަން ފިރުކާލުމަށް ކިތަންމެ ފަހަރަކު މަސައްކަތްކުރައްވިއެވެ. އެހެންނަމަވެސް އެހުރިހާ ފަހަރަކުވެސް ކުރިމަތިވެ ވަޑައިގެންނެވީ ނާކާމިޔާބީއާއެވެ. ވެރިކަން ފިރުކައިގަތުމަށް ބައްލަވަބައްލަވާ ހުންނެވި މުހައްމަދު މަނިކުފާނާއި ހުރަވީ ދަރިކޮޅުގެ ބޭފުޅުންނަށް އެ ފުރުސަތު ލިބިވަޑައިގެންނެވީ ޣިޔާސުއްދީނު ރަދުން ހައްޖު ދަތުރުފުޅެއްގައި ރާއްޖެއިން ފުރާވަޑައިގެންނެވުމުންނެވެ.‬

އާދެ! އައްސުލްތާނު މުހައްމަދު ޣިޔާސުއްދީނު، 7 އަހަރާއި 35 ދުވަހު ރަސްކަން ކުރެއްވުމަށްފަހު ހިޖުރައިން 1187 ވަނަ އަހަރު ހައްޖު ދަތުރުފުޅަކަށް ނިކުމެވަޑައިގެންނެވިއެވެ.‬ ރަސްކަމުގެ ކަންތައްތައް ހަވާލު ކުރެއްވީ ދައިތާފުޅު އާމިނާ ކަނބާފާނާއި އެކަމަނާގެ ފިރިކަލުން އަލީ ވެލާނާ މަނިކުފާނާއެވެ.‬ ނަމަވެސް ޣިޔާސުއްދީން ރަދުންގެ ރަސްކަމަށް މި ދެބޭފުޅުންވެސް ޚިޔާނާތްތެރިވެ ވަޑައިގަންނަވައި ރަސްކަން ހިއްޕެވިއެވެ.‬ އާމިނާ ކަނބާފާނުގެ ދެމަފިރިކަނބަލުންގެ މި އަމަލުފުޅާއި ވިދިގެން ފުރުސަތުގެ ބޭނުން ހިއްޕަވައި ދޮން ބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ހުރާ މުހައްމަދު މަނިކުފާނުން އޭނާއަށް ވާގިދޭން ތިބި ބަޔަކާއި އެކު ވަޑައިގެން ބޮޑު ކޯއްޓޭ ބުރުޒަށް އަރުއްވައި ބަޑިތަކަށް ބޭސްލައްވައި ތައްޔާރު ކުރެއްވިއެވެ.‬ މުހައްމަދު މަނިކުފާނު ބޮޑު ކޯއްޓޭ ބުރުޒަށް އަރުއްވައި ބަޑިތަކަށް ބޭސްލައްވާ ޚަބަރު ލިބިވަޑައިގެން އެ މަނިކުފާނާ ހަނގުރާމަ ކުރެއްވުމަށް ޣިޔާސުއްދީން ރަދުންނަށް ޚިޔާނާތްތެރިވެވަޑައިގެންނެވި ޅިޔަންބޭބޭފުޅު އަލީ ވެލާނާ މަނިކުފާނު އާކޯއްޓޭ މަތީގައި ބަޑިތައް އަތުރުއްވައި ބޭސްލައްވައި ހެއްދެވިއެވެ.

އެހެންނަމަވެސް ހަނގުރާމައެއް ނުވެވުނީ އެއިރު އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި އަލްޤާޟީ މުހައްމަދު މުހިއްބުއްދީން ފަނޑިޔާރު ތަކުރުފާނު (ޝައިޚުލް އިސްލާމް) އެތަނަށް ދުރުވެ ދެބުރުޒުންވެސް ބަޑިޖެހުން މަނާކުރެއްވީމައެވެ.‬ އެއިރު ހުރާ މުހައްމަދު މަނިކުފާނު ވަދެވަޑައިގެން ހުންނެވި ބޮޑު ކޯއްޓޭ ބުރުޒުގައި ތިބި މީހުން ގޮވާ ގޮވުމަކީ: ‬‬‬‬‬‬‬‬‬‬‬‬‬ "އަލީ ވެލާނާ މަނިކުފާނު ރަސްކަން ހިއްޕަވައިފިޔޭ ފުރައިވަޑައިގެންނެވި ރަދުންނަށް ވާތްގެއް ދޭންތިބި ބަޔަކު ވިއްޔާ މި ބުރުޒުދޮށަށް އަންނަހަރޭ" އެވެ.‬ ‬‬‬‬ ‬‬މިއަޑަށް ގިނަ ބަޔަކު އެ ބުރުޒުދޮށަށް ޖަމާވެފައިވެއެވެ.‬ އެތަނަށް ޖަމާވީ މީހުނާއި މުޚާތަބު ކުރައްވައި ހުރާ މުހައްމަދު މަނިކުފާނު ވިދާޅުވި ބަސްފުޅަކީ: "އަލީ ވެލާނާ މަނިކުފާނުންގެ ދެކަނބަލުން ޣިޔާސުއްދީން ރަދުންގެ އަމުރުފުޅު ޚިލާފުކޮށް އެ ވެލާނާ މަނިކުފާނުގެ މައްޗަށް ރަސްކަން ފިރުކައިގެން ރަސްކަން އަމިއްލަކޮށްފިޔޭ! އެކަންތައް އެހެންވިޔަކަ ނުދެއްވާނަމޭ! މަލާބާރީން މި ރާއްޖެ ހިފައި ދަރަނިވެރިވެ ފެތި ފަރާވަންދުވެފައި އޮއްވައި ތިމަންގެ ބޭބޭފުޅު ރާއްޖެ ހިފައި ދަރަނި ދެއްވަވައި ރާއްޖެ މިނިވަން ކުރެއްވެވިއޭ! ރާއްޖޭގެ ރަސްކަމެއް ދެނެއް އެހެން މީހަކަށް ނުދެއްވާނަމޭ! މިރަސްކަން ހައްގުވެގެންހުށީ ތިމަންމަނިކުފާނަށޭ! މިރަސްކަމާއި ހުރެ ތިމަން މަނިކުފާނު މަރުދެއްވައި ތޮޅުއްވާނަމޭ! ތިމަން މަނިކުފާނާއިއެކު ތިޔަބޭކަލުން ދުރުވާނުތޯއެވެ؟"

މުހައްމަދު މަނިކުފާނު މިފަދަ ވާހަކަތަކެއް ވިދާޅުވެ އެތަނަށް އެއްވެ ތިބި ރައްޔިތުންނާއި ހަވަރުގެ އެހީގައި އާމިނާ ކަނބާފާނުގެ ދެމަފިރިކަނބަލުން ކޮއިލުތެރެއިން ނެރުއްވައި އޮޑިޔަށް ލައްވައި ހައްދުންމަތީ ހުޅިޔަންދުވަށް އަރުވާލެއްވިއެވެ. އަދި ދިޔަމިގިލީ ދަރިކޮޅަށް އޮތް ރަސްކަން ހުރަވީ ދަރިކޮޅަށް ފުރޮޅާލެއްވިއެވެ. އާދެ! ދިޔަމިގިލީން އެކަށް އިރު އޮއްސުނީއެވެ! އަދި ދިޔަމިގިއްޔަށް އެ އިރު އެރިޔަ ނުދޭން ޣިޔާސުއްދީން ރަދުން ހައްޖުން އެނބުރި ވަޑައިގެން މާތް ރަސްކަލާނގެ މިންވަރުފުޅު ގަބޫލުފުޅުކުރައްވައި އަމާންކަމަށް އެދިވަޑައިގެންނެވުމުންވެސް ކަނޑުފައްތައި ޝަހީދުކޮށްލީއެވެ. އެޔަށްފަހު އެރަދުން މަޝްހޫރުވީ ޝަހީދުކުޅަ ބަންޑާރައިންގެ ނަންފުޅުގައެވެ. އަދި އެއާއެކު އެރަދުންގެ ތުއްތު ދަރިކަލުން ފުވައްމުލަކަށް އަރުވާލީއެވެ. ދިޔަމިގިލީ ރަސްކަން ނިމި ހުރާގޭ ރަސްކަން ފެށުނު ހާދިސާ ހިނގައި އައްސުލްތާނު މުހަމައްދު ޝަމްސުއްދީން ދޭއްގެ ނަމުގައި ހުރާގޭ މުހައްމަދު މަނިކުފާނު ރަސްކަމަށް އިސްވެވަޑައިގަތީ މީލާދުން 17 ޑިސެންބަރު 1773 ވަނަ އަހަރުގައެވެ. އާދެ! މީލާދީން 1773 ވަނަ އަހަރުގެ ޑިސެންބަރު 17 ވަނަ ދުވަހު ހުރަޔަށް އެރި އިރު 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހާ ޖެހޭންދެން އަރަމުން ދިޔައީ ހުރައިންނެވެ!

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.