ކޮވިޑް ކޭސްއަކާ ގުޅިގެން މާލޭގެ ތިން މިސްކިތެއް ޑިސްއިންފެކްޓް ކުރަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ ކޮވިޑް ކޭސްއަކާ ގުޅިގެން މާލޭގެ ތިން މިސްކިތެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ޑިސްއިންފެކްޓް ކުރަމުން އަންނަނީ ކޮވިޑަށް ޕޮޒިޓިވްވި މީހަކު ނަމާދަށް ގޮށްފައިވާ ތިން މިސްކިތް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޑިސްއިންފެކްޓް ކުރަމުން އަންނަނީ މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން މިސްކިތާއި މަސްޖިދުލް އަފީފުއްދީން މިސްކިތާއި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން މިސްކިތް ކަމަށެވެ. އަދި މިސްކިތްތައް ޑިސްއިންފެކްޓްކޮށް ނިމުނުހާ އަވަހަކަށް ހުޅުވާލާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދުކަނޑައިލީ، މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެންނެވެ. މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ އަލުން ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެންނެވެ.

މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް ޖަމާއަތުގައި ހުކުރު ކުރަން ހުއްދަ ދީފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ޖުމްލަ 2999 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 600 މީހަކަށެވެ. ބަލިން ފަސޭހަވެފައިވަނީ 2369 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.