10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްލާހު ގެނައުމަށް އެދި ވަޑައިގެންނެވުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.

މި ކުއްލި މައްސަލަޔަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ގަރާރު ބޭރުކޮށްލާފައިވަނީ، ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 19 މެންބަރުން އެ ކުއްލި މައްސަލަޔަށް ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ.

އެ ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފެންނަ ކަމަށް 16 މެންބަރުން ވޯޓު ދެއްވިއެވެ.

މި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިމިގްރޭޝަން ގާނޫނަށް މަޖިލިސް ރައީސް އިލާހު ހުށަހަޅުއްވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބާރު ގަދަ އަވަށްޓެރި ގައުމަކަށް ނިސްބަތް ވާ 25،000 ބިދޭސީންނަށް ދާއިމީ ގޮތެއްގައި ރާއްޖޭގައި ދިރިއުޅެވޭ ގޮތް ހެދުމަށް ކަމަށެެވެ.

ބޭނުމަކީ ވަކި ހިސާބަކުން އެމީހުންނަށް ރާއްޖޭގެ ރައްޔިތުކަން ދިނުން ކަމަށާއި އެމީހުން ދާއިިމަށް ތިބެން ފެށުމާއެކު ރާއްޖޭގެ އެއްބައިވަންތަކަން ގެއްލޭނެ ފަދަ ކަންކަން ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ.

އެގޮތުން އެމީހުން ބޭނުންވާ ދީނަކަށް އުޅުމަށް ރާއްޖޭގައި ފައްޅި އެޅުމާއި، އެމީހުންގެ ދަރިން ސްކޫލަށް ދާއިިރު އެމީހުންގެ ދީނީ ތައުލީމު ލިބޭނެ ގޮތް މަގުފަހިކުރުމަށް ވަކާލާތު ކުރާނެ ކަމަށާއި، އެކަންތައް ކުރުމަށް ހަމަޖެހިފައި ވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ކަމަށްވެެސް ބުުނެފައި ވެއެވެ.

މެންބަރު ނަޝީދު އިތުރަށް ވިދާޅުވީ، ވަކި ހިސާބަކުން އެމީހުންނަށް ދިވެހި ރައްޔިތުކަން ދީފި ނަމަ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް ވަރަށް ބޮޑަށް އެހެން ގައުމުތަކަށް ނުފޫޒު ފޯރުވޭނެ ކަމަށެވެ. އެ އަދަދު ބޭނުންކޮށްގެން ރާއްޖޭގެ މަދު ބައެއްގެ ވޯޓު ކޮޅަކާއެކު އިންތިހާބެއް ކާމިޔާބު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހުގެނައުމުގެ ބިލު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އަލުން އެ ބިލަށް އިސްލާހުތަކެއް ގެންނެވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބިލު އަނބުރައި ކޮމިޓީއަށް ފޮނުއްވައި ލައްވައިފައެވެ.

މަޖިލިސް ރައީސް ބިލަށް ގެންނަން އެދިވަޑައިގެންފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް 100،000 ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށް ހިމެނުމަށެވެ.

ނަމަވެސް އެ އިސްލާހުތަކަށް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހު، ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށް ބިލުގައި ނުހިމަނަން ވަނީ ނިންމައިފައެވެ.