ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފިނަމަ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އޭނާ މިރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. ފުލުސް އޮފީހުން ނުކުމެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ހިތާމަކުރާ ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އިންސާފުވެރިކަމާއެކު މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފިނަމަ އަޅުގަނޑުގެ ކުށެއް ނެތްކަން ސާބިތުވެގެންދާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.
މިއީ ރޭވިގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށާއި ހުރިިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މިމައްސަލައަކީ ސިޔާސީ ނުފޫޒެއް އޮތް މައްސަލައެއް ކަމަށާއި މިކަމުގެ ތަހުގީގު ނިމިގެން ދިއުމުން ކަންކަން ރައްޔިތުންނަށް ސާފުވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު ހަނެއް ނުހުންނާނަން. މީގެ ކުރިން ސިޔާސީ ކަންކަމުގައި ފުލުސް އޮފީހަށް އައި ހުރިހާ ފަހަރަކު ހަނު ހުރެފައެއް ނުވާނެ. ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނަން. މައްސަލައާ ކުރިމަތިލާނަން،" އަލީ ވަހީދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް އިހުތިރާމު ކުރައްވާ ކަމަށާއި އަދި ފުލުހުންގެ މުއައްސަސާއިން އިންސާފުވެރި ތަހުގީގެއް ހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އޭނާއަށް ކޮށްފައިވާ ތުހުމަތުތައް ރައީސަށްވެސް ސާފުވެގެން ދިއުން އެދޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މިވަގުތު ވިސްނުން ހުރީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވި، މައްސަލައިގެ ކަންކަން ސާފުކޮށްދިނުން ކަމަށެވެ.
އެއްވެސް މަގާމަކުން އިސްތިއުފާ ދެއްވާފައި ނުވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައަކީ ގަބޫލުކުރެވޭ ކަންކަން ކަމުގައި ނުވާތީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އޭނާ ކުރެއްވި ހުރިހާ ކަމެއް ކުރެއްވީ އިހުލާސްތެރިކަމާއެކު ކަމަށާއި ރައްޔިތުން އެކަމަށް ހެކިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު