އެތައް އަހަރެއް ވާންދެން ރާއްޖެއަށް އެތެރެކުރި ބިދޭސީން ދާއިމީކޮށް މިގައުމުގައި އުޅޭވޭނެ ގޮތް ހެދި ސަރުކާރުގެ ބަޔަކު ވަނީ ފައިސާއަށް މިނިވަންކަން ވިއްކާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓްތަކެއްގަ އެވެ.
މޫސަ ވިދާޅުވީ، ރާއްޖޭގައި 70،000 ބިދޭސީން ވިސާއެއް ނެތި އުޅޭއިރު އެމީހުންނަށް ބޭނުންވާ ހުރިހާ ކަމެއް މިގައުމުގައި އެބަ ކުރެވޭ ކަމަށެވެ މިއީ ސަރުކާރާއި މަޖިލީހަށް ވެސް ތަހުގީގުކޮށް ބިދޭސީންނާ މެދު އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ނުކެރުނު ހަމައެކަނި މައްސަލަތޯ ވެސް މޫސަ ސުވާލު އުފެއްދެވި އެވެ.
"ދިގު މުއްދަތަށް ވިސާ ދޭތީ މިހާރު ކަންބޮޑުވުން ފާޅުކުރާ އެންމެންނަށް އަޅުގަނޑު ގޮވާލަން، ސިޔާސީ ގޮތުން ބަޔަކާ ދިމާކުރަން ކަންކަން ނުނަގާށޭ. އެތައް އަހަރެއް ވަންދެން މިގައުމަށް އެތެރެ ކުރި ބިދޭސީން ދާއިމީކޮށް މިތާ އުޅެވޭ ގޮތް ހެދި ސަރުކާރުގެ ބަޔަކު މިއޮތީ ފައިސާއަށް މިނިވަންކަން ވިއްކާފަ ނޫންތޯއޭ،" މޫސަ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވަނީ، 10 އަހަރު ދުވަހަށް ގެ ކުއްޔަށް ހިފުމަށްފަހު ދެން އެމީހާ ދައުވާ ކުރާނީ އެތަނުގެ މިލްކުވެރި ކަމަށް ކަމަށާއި އެއާއެކު ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން އަޑު އުފުލައި ބިދޭސީ މީހާއަށް ބިން ދޭންވީތޯ ސުވާލު އުފައްދާނެ ކަމަށެވެ.
"ދެން ހިފަންވީ ދިވެހި ރައްޔިތަކަށް ވާން؟ ފަލަސްތީނަށްވީހެން ވުން ދުރެއް ނޫން؟ ދުނިޔޭގެ އެހެންގައުމުތަކާ އެއްގޮތަށް ތަފާތު ގިންތި ތަކަށް ވިސާ ދޫކުރުމަކީ ގޯސް ކަމެއް ނޫން. މި ރާއްޖޭގެ މައްސަލަޔަކީ ވޯކް ވިސާއެއް އަހަރަށް ދޫކުރި ބަންގާޅީން ފިލައިގެން އެތައް އަހަރަކު އުޅެފަ މިހާރު ހައްގުތަކޭ ބުނެ ތަންތަން ސުންނާފަތި ކުރީމަވެސް އެމީހުންނަށް ހައްގު އޮތީ؟،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ރެޒިޑެންޓް ވިސާ ދެނީ އެތައް އަހަރެއް ވަންދެން އެގައުމެއްގައި ވިޔަފާރިކޮށް ނުވަތަ އެގައުމަކަށް ބޭނުންވާ އިލްމާއި ހުނަރު ހުރެގެން ގަވާއިދުން އެތައް އަހަރަކު ދިރިއުޅޭ އަދި ބޮޑެތި އިންވެސްޓްތައް ކޮށްގެން ވިޔަފާރިތައް ދާއިމަށް ކުރާ މީހުންނަށް ކަމަށެވެ.
ބިދޭސީންގެ މައްސަލައިގައި ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒުވުމުން އެމަނިކުފާނު ލިޔުއްވި ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ގެނައުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ނުވަތަ އެމީހުން އުޅޭނެ ތަނެއް ދޭން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދަން ދަތިވެދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު