ބިދޭސީންނަށް ރަށްވެހިކަން ދިނުމުގެ އިސްލާހަކީ ރާއްޖޭގެ ރައްޔިތުންގެ ބާރު ކަނޑުވާލައި، ރައްޔިތުން އަޅުވެތިކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އަލުން ވިސްނުމަށް މަޖިލިސް ރައީސް އެ ބިލު އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާލައްވައިފައެވެ.
އެ ބިލަށް ގެނައުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ، އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި ދިހަ އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބެން ޖެހޭނެ ކަމަށެވެ.
ގައިދުރުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ބިދޭސީންނަށް ރަށްވެހިކަން ދިނުމުގެ އިސްލާހަކީ ބިރުވެރި އަދި ނުރައްކާތެރި އިސްލާހެއް ކަމަށާއި އެއީ ނުބައި، ނުރައްކާތެރި ކަމެއްގެ އިންޒާރެއް ކަމަށެވެ. އަދި އެ އިސްލާހު ހުށަހެޅި ބޭނުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މިއުޅެނީ ވަރަށް ނުބައި ކަމެއް ކުރަންވެގެން، ވަރަށް ނުރައްކާތެރި ކަމެއް ފަށަންވެގެން، މިއުޅެނީ ދިވެހި ގައުމު އަޅުވެތިކުރަން ވެގެން. މިއުޅެނީ ދިވެހި ރާއްޖޭގައި ތަފާތު ދީންތަކަށް، ބާތިލް ދީންތަކަށް ފުރުސަތު ފަހިކޮށްދޭން ވެގެން. މިއަށްވުރެ ނުރައްކާތެރި އެހެން ކަމެއް މީގެ ފަހަތުގައި އެބަ އޮތް. އެއީ އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑުގައި އަޅުގަނޑުމެންގެ އަމިއްލަ ވޯޓާ ނުލައި ބަޔަކު ބޭނުންވާ ބަޔަކު މި ރާއްޖޭގެ ވެރިކަމަށް ގެނައުމުގެ މަގުފަހި ކުރަންވެގެން،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ ބޮޑަށް ކަންބޮޑުވަނީ ދިވެހި ގައުމު ދިވެހީންގެ އަތުން ބީވެގެން ހިނގައިދާނެތީ ކަމަށާއި ދިވެހީންނަކީ މި ގައުމުގެ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެން ހިނގައިދާނެތީ ކަމަށެވެ. އަދި އަމިއްލަ ފަސްގަނޑުގައި ބާރު ނުފޯރާ ހިސާބަށް ދާން އުޅޭ ކަމަށާއި އެކަމާ މެދު ހިތާމަކުރައްވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޝަރަފް ނީލަމަށްލައި ވިއްކާލާއިރު، އަޅުގަނޑުމެން ބަލަން ތިބެގެން ނުވާނެ. އަޅުގަނޑުމެންގެ ގަދަރު ފައިދަށަށްލައި ނައްތާލާއިރު އަޅުގަނޑުމެން ހަނު ތިބެގެން ނުވާނެ. ބަޔަކު ގައުމަށް ބޭވަފާތެރިވަމުންދާއިރު އަޅުގަނޑުމެންގެ އުފަަން ފަސްގަނޑު ފަނާކޮށްލާކަށް އަޅުގަނޑުމެން ޖާގަ ދީގެން ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ރަށްވެއްސަކަށް ވެވޭނީ މުސްލިމުންނަށް އެކަނި ކަމަށާއި މިހާރު ހުށަހެޅިފައިވާ އިސްލާހުން ބާތިލު ދީނުގެ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ލިބޭނެއެވެ. އަދި އެމީހަކު ރާއްޖޭގެ ތަނެއް ދިގު މުއްދަތަކަށް ކުއްޔަށް ނަގައި އުމުރު ދުވަހަށް ރާއްޖޭގެ ރަށްވެހިކަން ހޯދައި ދިވެހީންނަށް ލިބެންޖެހޭ ހުރިހާ ހައްގެއް ލިބޭ މީހަކަށް ވެގެންދިއުމަކީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ބާރު އިޒްރާއީލުގެ އަތްދަށަށް ނުވަތަ އެގައުމުގެ މިނިވަންކަން އިޒްރާއީލްގެ އަތްދަށަށް ގޮސްފައިވަނީ މިފަދަ ގޮތަކަށް އިސްލާހެއް ހުށަހެޅިގެން ރަށްވެހިކަންދީގެން ކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ އިސްލާހަކީ ރާއްޖެއަށްވެސް އެފަދަ ކަމެއް މެދުވެރިވުމަށް ފުރުސަތު ދޭން ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ގައުމުގެ ހައްގުގައި ރައްޔިތުން އަޑު އުފުލަންޖެހޭ ކަމަށާއި އަދި މި އިސްލާހަށް ވޯޓް ނުދިނުމަށް މަޖިލިސް މެންބަރުންގެ އަރިހުގައި ރައްޔިތުން ދަންނަވަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު