ކޮވިޑް 19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ 150 ޓެސްޓް ކިޓް ބޭނުންކޮށްގެން 15،000 ކޮވިޑް-19 ޓެސްޓް ހެދޭނެ ކަމަށެވެ. މިއީ ކޮވިޑް 19 ކޮންޓްރޯލް ކޮށް، އިތުރަށް ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮވިޑް 19 އާ ދެކޮޅަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުން އަންނަ މިދަނޑިވަޅުގައި ދެކުނު ކޮރެއާއިން ފޯރުކޮށްދިން ދީލަތި މި އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރާއި، ރައީސް މޫން ޖެއިއިން އާއި ހާރިޖީ ވަޒީރު ކަންގް ކުޔުންގްވާ އަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ރާއްޖެއާއި ދެކުނު ކޮރެއާ އާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު، ކުރިޔަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.