އުތުރު ކޮރެއާއިން ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ބައިނޭންސް ހެކްކުރުމުގައި ބައިވެރިވި ކަމަށް އެމެރިކާއިން ކުރާ ތުހުމަތުތައް ދޮގުކޮށްފިއެވެ.
އެ ގައުމުގެ ދައުލަތުގެ ނޫސް އެޖެންސީ ކޭސީއެންއޭއިން ބުނި ގޮތުގައި، 6.3 ބިލިއަން ޑޮލަރުގެ މި ވައްކަމާ އުތުރު ކޮރެއާއާ ގުޅުވައިގެން ދައްކާ ވާހަކަތައް އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޮ ކިމް ޔޯ ޖޮންގް ވަނީ ދޮގުކުރައްވައިފައެވެ. އަދި މި ތުހުމަތުތަކަކީ ސިޔާސީ މަގުސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، މި ވައްކަމުގެ ފަހަތުގައި އެމެރިކާ އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެއްވެސް ހެއްކެއް ނެތި ކިމް ޔޯ ޖޮންގް އިޝާރާތްކުރެއްވި ކަމަށް ކޮއިންޓެލެގްރާފުން ރިޕޯޓުކޮށްފައިވެއެވެ.
ކޭސީއެންއޭ މެދުވެރިކޮށް މިއަދު ނެރުއްވި ބަޔާނެއްގައި ކިމް ޔޯ ޖޮންގް ވިދާޅުވީ، އެމެރިކާއިން ކުރާ ތުހުމަތުތަކަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ. އަދި އުތުރު ކޮރެއާއިން ވާގިވެރިވާ ހެކިން ގްރޫޕަކުން މި ހަމަލާ ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން މަސައްކަތްކުރަނީ އެ ގައުމަކީ ސައިބާ ކުށްވެރިންގެ ދައުލަތެއްގެ ގޮތުގައި ސިފަކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ އެމެރިކާގެ އަދާވާތްތެރިކަން ދައްކުވައިދޭ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޑިޕްލޮމެޓިކް ގުޅުންތަކާ މެދު އަލުން ވިސްނަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ ވަނީ އިންޒާރު ދެއްވައިފައެވެ.
މި މައްސަލަޔާ ގުޅިގެން އެފްބީއައިއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮކްޓޫބަރު 29 ހާ ތަނުގައި ބައިނޭންސްއިން 6 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ވާޗުއަލް އެސެޓް ވަގަށް ނެގުމުގެ ޒިންމާ އުތުރު ކޮރެއާއިން އުފުލަން ޖެހޭ ކަމަށެވެ.
އެ އިދާރާއިން މި ސައިބާ ހަމަލާތަކަށް ނަންދީފައިވަނީ “ޓްރޭޑާޓްރެއިޓާ” ގެ ނަމުންނެވެ. މީގެ ކުރިން ބުރާސްފަތި ދުވަހު ބްލޮކްޗެއިން އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ ޓީއާރުއެމް ލެބްސްއާއި އެ ދާއިރާގެ މުހައްލިލުންނާ ހަވާލާދީ އޭޕީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖަށް ދިން 6.3 ބިލިއަން ޑޮލަރުގެ މި ހަމަލާގެ ފަހަތުގައި އޮތީ އުތުރު ކޮރެއާގެ “ޓްރޭޑާޓްރެއިޓާ” ހެކިން ޔުނިޓު ކަމަށް ބާރުގަދަ އިންޓެލިޖެންސް މައުލޫމާތުތަކުން ދައްކައެވެ.
މިންހާ ފާއިޒް ރަޝާދު
ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ކްރިމިނަލް ކޯޓް
ކޮމެންޓް