ޖަޕާނަށް 15 ދުވަހުގެ ޓޫރިސްޓު ވިސާއެއްގައި އެތެރެވުމަށްފަހު 33 އަހަރު ވާންދެން ގަވާއިދާ ހިލާފަށް އެ ގައުމުގައި އުޅުނު ދެކުނު ކޮރެއާގެ 72 އަހަރުގެ ފިރިހެނަކު ޖަޕާނުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ޝިޒުއޯކާ ޕްރިފެކްޗަރަލް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔައިޒޫ ސިޓީގައި ދިރިއުޅެމުންދިޔަ މުން ޖޮންގް-ގީ ހައްޔަރުކުރީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ ގަވާއިދާ ހިލާފަށް އުޅޭ މީހެއްގެ މައުލޫމާތު މި އަހަރުގެ ޖޫން މަހު ފުލުހުންނަށް ލިބުމާ ގުޅިގެން ހިންގި ތަހުގީގަކަށް ފަހުގައެވެ.
ފުލުހުން ބުނި ގޮތުގައި، 1993 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އޭނާ ޖަޕާނަށް އެތެރެވީ އޭނާގެ ކޮއްކޮގެ ޕާސްޕޯޓު ބޭނުންކޮށްގެންނެވެ. އޭނާ ޖަޕާނަށް ދިޔައީ ދެކުނު ކޮރެއާއިން ލިބޭ ވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށާއި، ފާއިތުވި އަހަރުތަކުގައި އޭނާ އުޅުނީ ދުވަހު މުސާރައަށް މަސައްކަތްކޮށްގެން ކަމަށް ތަހުގީގަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ 33 އަހަރު ވާންދެން ޖަޕާނުގައި އުޅުނު ނަމަވެސް، ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ 26 އަހަރު ވާންދެން ގަވާއިދާ ހިލާފަށް އުޅުނު ކަމަށެވެ. އެއީ ޖަޕާނުގެ އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން، ވިސާގެ މުއްދަތު ހަމަވުމަށްފަހު ގައުމުގައި މަޑުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅީ 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށް ވާތީއެވެ.
ޖަޕާނުގެ ޖަސްޓިސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، މުން ޖަޕާނަށް އެތެރެވި 1993 ވަނަ އަހަރަކީ އެ ގައުމުގައި ވިސާގެ މުއްދަތު ހަމަވުމަށްފަހު ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ އަދަދު އެންމެ ގިނަވި އަހަރެވެ. އެ އަހަރު 298،646 މީހުން ގަވާއިދާ ހިލާފަށް އުޅުނު ނަމަވެސް، މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ އަދަދު ވަނީ 68،488 އަށް ދަށްވެފައެވެ. އެހާ ގިނަ ދުވަސް ވާންދެން ކަމާބެހޭ ފަރާތްތަކަށް ނޭނގި މުން އުޅުނު ގޮތުގެ ތަފުސީލުތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން
ކޮމެންޓް