މަހަށް ނުކުތް ދޯންޏެެއް އަޑިޔަށް ގޮސް އެ ދޯނިން ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބައި ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ އަޑިޔަށް ދިޔައީ މަސްވެރިމުގައި އުޅުނު ދޯންޏެއް ކަމަށާއި، އެ ދޯނި އަޑިޔަށް ދިއުމުން ކަނޑުވި، އެ ދޯނީގެ ނުވަ ފަޅުވެރިން ސަލާމަތް ކުރީ އެ ސަރަހައްދުން ދިޔަ އެހެން ދޯންޏަކުން ކަމަށެވެ.

އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ "ކަނޑުރޯދި 1" ނަމަކަށް ކިޔާ އެ ދޯނި އަޑިޔަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 6:30 ގައި ކަމަށެވެ.

މޫސުން ގޯސްވެ ކަނޑުގަދަވެގެން އެ ދޯނި އަޑިޔަށް ދިޔައީ، މާލެއާ 17 ނޯޓިކަލް މޭލު އިރުން ކ. ހުރާ ބޮއި ކައިރީގައި މަސްވެރިކަމުގައި އުޅެނިކޮށް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ، ކަނޑުވި ފަޅުވެރިން ނެގި ދޯނި ކައިރީގައި އެމްއެންޑީއެފްގެ އެފްއައިސީ ވެލާނާ ލޯންޗް ހަރަކާތްތެރިވާ ކަމަށެވެ. ފަޅުވެރީން ސަލާމަތްކުރި ދޯނި މާލެޔަށް ދަތުރުކުރަމުން އަންނަ ކަމަށާއި އެ ދޯންޏާ އެކު ކޯސްޓްގާޑް ލޯންޗެއްވެސް މާލެޔަށް ދަތުރުކުރަމުން އަންނަ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަަށް މިއަދު ވިއްސާރަ ކުރާނެ ކަމަށެވެ. ގުގިރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.