ކުޅިވަރު

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް މެޗްތައް ރާއްޖޭގައި ބޭއްވުމަށް ބިޑް ހުށަހަޅައިފި

އައިދާ އަބްދުލް ހަކީމް

1

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަސްމީކޮށް ބިޑް ހުށަހަޅައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މެޗްތައް ބޭއްވުމަށް އޭއެފްސީއަށް އިއްޔެ ބިޑް ހުށަހަޅާފައިވާ ކަމަށެވެ. ރާއްޖޭގައި އެ މުބާރާތް ބޭއްވުމުގެ ހުއްދަ ސަރުކާރުން ދިނުމުން އެކަމަށްޓަކައި ސަރުކާރާއި ޔޫތު މިނިސްޓްރީގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ބައްސާމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ކޮވިޑް 19 އާ ގުޅިގެން މެދުކަނޑައިލި އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޯބަރު މަހު އަލުން ފަށާއިރު، އޭއެފްސީން މި ވަގުތު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެންބަރު އެސޯސިއޭޝަންތަކަށް ހުޅުވާލައިފައެވެ. މި މަހުގެ ނިޔަލަށް ބެލުމަށް ފަހު މެޗުތައް ބާއްވާ ގައުމެއް އިއުލާން ކުރާނެ ކަމަށް އޭއެފްސީން ބުނެފައި ވެއެވެ.

މިދިޔަ މަހު ކްލަބުތަކާއެކު އޭއެފްސީން ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވަނީ މުބާރާތް ކުރިޔަށް ގެންދިއުމަށް ދެ ޕްރޮޕޯސަލެއް ހުށަހަޅައިފައެވެ. އެ ދެ ހުށަހެޅުމަކީ ހޯމް އެންޑް އަވޭ އުސޫލުކުން ކުރިޔަށް ދިއުން ނުވަތަ އެއް ގައުމަކަށް ހުރިހާ ޓީމުތަކެއް ގޮސްގެން އެއް ދަނޑެއްގައި ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް ކުޅުމެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދްރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ ވާދަ ކުރެއެވެ.

ގްރޫޕް ސްޓޭޖް ޝެޑިއުލް ހަމަޖެހިފައިވާ ގޮތް:

- މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޫބަރު)

- މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޫބަރު)

- ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޫބަރު)

- މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)

- ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)

އޭއެފްސީ ކަޕްގެ މެޗުތައް ދެން ފަށާއިރު ޓީމުތަކަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން އަލުން ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ދޭން އޭއެފްސީން ނިންމާފައިވާއިރު، ގިނަ ޓީމުތަކެއްގެ ބިދޭސީ ކުޅުންތެރިންނަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.