ކޮވިޑް-19ގެ ނަތީޖާ އޮޅުވައިލުމުގެ ކުށުގައި ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

ކޮވިޑަށް ޓެސްޓު ނުކޮށް، ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށް ބުނެ ރިޕޯޓު ނެރެމުން ދިޔަ އެ ހޮސްޕިޓަލުގެ ވެރިޔާ ހައްޔަރުކޮށްފައިވަނީ އެ މައްސަލައިގައި އޭނާ ފިލައިގެން އުޅޭތާ ނުވަ ދުވަސް ފަހުންނެވެ.

މުހައްމަދު ޝަހީދު ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އާއި އިންޑިއާ ގުޅޭ ބޯޑަރު ކައިރިން، އިންޑިއާ އަށް އެތެރެވާން އުޅެނިކޮށެވެ. ބަންގްލަދޭޝްގެ ފުލުހުން ވަނީ އޭނާ ފިލަން އުޅުނީ ކާކުކަން ނޭނގޭ ގޮތަށް އޮޅުވައިލުމަށް ބުރުގާއެއް އަޅައިގެން ކަމަށް ބުނެފަ އެވެ.

އޮފިޝަލުން ބުނީ ޝަހީދުގެ ހޮސްޕިޓަލުން ހަދާފައިވާކަމަށް ރެކޯޑުތަކުން ދައްކަނީ 10500 ކޮވިޑް ޓެސްޓު ކަމަށާއި އޭގެތެރެއިން 6300 ޓެސްޓު ރިޕޯޓަކީ ޓެސްޓު ނުހަދައި ނެގެޓިވް ވެފައިވާ ކަމަށް ނަތީޖާ ނެރެފައިވާ ރިޕޯޓުތައް ކަމަށެވެ. ހޮސްޕިޓަލުގެ ލެބްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އެހެން މުވައްޒަފުންވެސް މިހާރު ހައްޔަރުކޮށް ތަހުގީގު ވަނީ ފަށައިފައެވެ.

އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ކޮވިޑްގެ ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހޭ އިރު ދާދި ފަހުން ބަންގްލަދޭޝް އިން އިޓަލީއަށް ދިޔަ ބަޔަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެމީހުންގެ އަތުގައި ބަންގްލަދޭޝްގެ ލެބަކުން ދީފައިވާ ކޮވިޑްގެ ނެގެޓިވް ނަތީޖާ ރިޕޯޓް އޮތެވެ.

ބަންގްލަދޭޝްއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ދެލައްކައާ ގާތް ވެފައިވާ އިރު އެގައުމުން މިހާތަނަށް 2496 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.