އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (ޔުނައިޓެޑް ނޭޝަންސް - އދ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސްޓޭޓް މިނިސްޓަރު އަދި އދ.އާއި ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން - އީޔޫ) އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލާނާ ޒަކީ ނުސައިބާގެ ނަން އެ ގައުމުން ރަސްމީކޮށް ހުށަހަޅައި، އެ މަގާމަށް ވާދަކުރައްވާކަން އޭނާ އިއުލާންކުރައްވައިފިއެވެ.
ޔޫއޭއީގެ ހާރިޖީ ވުޒާރާއާއި އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީ، އެމިރޭޓްސް ނިއުސް އެޖެންސީ (ވާމް) އިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ތަޖުރިބާކާރު ޑިޕްލޮމެޓެއް ކަމަށްވާ ނުސައިބާ މި ރޭހަށް ނުކުމެވަޑައިގަތީ މިހާތަނަށް ވާދަކުރައްވާ 6 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ސާފު ކުރިއެރުމެއް ލިބިފައި ނުވާ ދަނޑިވަޅެއްގައެވެ.
މި ނަން ހުށަހެޅުއްވީ އދ.ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ރައީސުންނަށް ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒާޔިދު އާލް ނަހްޔާން ފޮނުއްވި ސިޓީފުޅެއް މެދުވެރިކޮށެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ޑިޕްލޮމެޓިކް ގޮތުން މައްސަލަތައް ހައްލުކުރާ އިދާރާއެއްގެ ގޮތުގައި އދ.ގެ ދައުރު އަލުން އިއާދަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ނުސައިބާ ވިދާޅުވިއެވެ. އަދި އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މަގާމަށް ކުރިމަތިލެއްވީ މި ވަގުތަކީ އަވަސް ފިޔަވަޅުތަކެއް އަޅައި، ތަފާތުތަކާއެކުވެސް އެންމެން އެއްބައިވަންތަކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދާން ޖެހޭ ވަގުތެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ސަލާމަތީ މަޖިލީހުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަށްފަހު ނުސައިބާގެ ނަން ހުށަހެޅިއިރު، މި ހުށަހެޅުމާ ގުޅޭގޮތުން އދ.ގެ އެއްވެސް އޮފިޝަލެއްގެ ބަހެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްގެ ދެވަނަ ދައުރު އަންނަ ޑިސެންބަރު 31 ގައި ހަމަވާއިރު، އދ.ގެ ދިހަވަނަ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދަނީ ސެޕްޓެންބަރު 5، 2025 ގައި އާންމު މަޖިލީހުން ފާސްކުރި 79/327 ވަނަ ގަރާރުގެ ދަށުންނެވެ. އާ ސެކްރެޓަރީ ޖެނެރަލް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ޖެނުއަރީ މަހުއެވެ.
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ކޮމެންޓް