އީރާނަށް ހަމަލާދޭ ކޮންމެ ގައުމަކަށް އަރައިގަންނާނެ ކަމަށް އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) ގެ ތަރުޖަމާނު ހުސައިން މުހިއްބީ އިންޒާރުދެއްވައިފިއެވެ. މުހިއްބީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައިއާރުޖީސީން މި އިންޒާރު ދީފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ދިފާއީ އުސޫލު "އިސްވެ ހަމަލާދިނުމާއި އެއް ހަމައެއް ނެތް" (އޮފެންސިވް އެންޑް އެސިމެޓްރިކަލް) ދިފާއީ އުސޫލަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.
ސްޓޫޑެންޓް ނިއުސް ނެޓްވޯކް (އެސްއެންއެން) އަށް ވާހަކަދައްކަވަމުން މުހިއްބީ ވިދާޅުވީ، އީރާނުގެ އަސްކަރީ އުސޫލު ކުރިން ބިނާވެފައި އޮތީ ހަމައެކަނި ދިފާއީ ސިޔާސަތެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ކުރިން އަމަލުކުރަމުން އައީ އެހެން ގައުމަކުން އީރާނަށް ހަމަލާއެއް ދީފި ނަމަ، އެ ހަމަލާއަކަށް ރައްދުދޭ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު އެ އުސޫލަށް ގެނައި ބަދަލާއެކު، އެއްވެސް ގައުމަކުން އީރާނަށް ހަމަލާދީފި ނަމަ ރައްދު ދިނުމުގެ އިތުރުން، އެ ގައުމަކަށް އިސްވެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވެސް މުހިއްބީ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާއިން އެއް ހަމައެއް ނެތް ހަނގުރާމައިގެ (އެސިމެޓްރިކް ވޯފެއާ) އުކުޅުތަކާ ދިމާއަށް މިސްރާބު ޖަހާފައިވާކަން ވެސް ތަރުޖަމާނު މުހިއްބީ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ބަދަލުގެ މައިގަނޑު މަގުސަދަކީ އަސްކަރީ ނުރައްކާތަކާ ދެކޮޅަށް ދާއިމީ އަދި ފުރިހަމަ ހުރަހެއް ގާއިމުކުރުމެވެ. އަދި އީރާނުން ދުޝްމަނުންނަށް ހަމަލާދޭނީ އެ ގައުމުގެ ފިޔަވަޅުތަކުގެ ފުރިހަމަ ބާރު އިހުސާސްކުރެވޭ ފަދަ ގޮތަކަށް ކަމަށް ވެސް މުހިއްބީ ވިދާޅުވިއެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް