ބަންގްލަދޭޝްގެ 135 މީހުންނާއެކު މޯލްޑިވިއަންގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރައިފި އެވެ.
މިއީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އަނބުރާ ގައުމަށް ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަންއާ ގުޅިގެން ކުރިއަށް ގެންދާ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ ތެރެއިން ގަމުން ޑާކާ އަށް ބާއްވާ ފުރަތަމަ ފްލައިޓެވެ.
މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑާކާއާ ދެމެދު މޯލްޑިވިއަންގެ 21 ރިޕެޓްރިއޭޝަން ފްލައިޓެއް ބާއްވައިފައިވެ އެވެ. އަދި ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ދެ ފްލައިޓެއްގައި ވެސް ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވެ އެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ފްލައިޓްތަކުގައި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް 3700 އަށްވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، ރާއްޖޭގައި އުޅޭ ބަންގްލާދޭޝް މީހުންގެ 95 ޕަސެންޓަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ. އަދި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން 20،000 ބިދޭސީން މިއަހަރު އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު