ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ އެއްވެސް ޝައުގުވެރިމެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުންނެވެ.
އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްގެ މިހާރުގެ އެންމެ އިސް ފަރާތް ކަމަށްވާ އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓު އޭނާއަށް ދިނަސް އެކަން ގަބޫލު ނުކުރައްވާނެ ކަމަށާއި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުނިކުންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުނިކުންނާނަން ޕީޕީއެމްގެ ޓިކެޓު ދިނަސް. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ އެއްވެސް އިންޓްރެސްޓެއްވެސް ނެތޭ، އެއްވެސް ޝައުގުވެރިކަމެއްވެސް ނެތޭ، އަދި ނުވެސް ނުކުންނާނަމޭ. ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް އަޅުގަނޑު ނުނިކުންނާނަމޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، އޭނާ ސިޔާސީ މަސައްކަތް ފެށީ ވެސް ރައީސް ޔާމީނާއެކު ކަމަށާއި އެހެންކަމުން ސިޔާސީ ދާއިރާގައި ކުރިއަށްދާން ބޭނުމީވެސް ރައީސް ޔާމީނާއެކު ކަމަށެވެ.
"ރައީސް ޔާމީން ދޫކޮށްލާފައި އަޅުގަނޑު ދާނެ އެހެން ޕްލެޓްފޯމެއް މި ރާއްޖެއަކު ނެތް. އެއީ އަޅުގަނޑު ގަބޫލުކުރާ ސިފަތަކުގެ އެހެން ސިޔާސީ ލީޑަރެއް މިރާއްޖޭގައި ނެތީމަ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށްލުމާއެކު ޕީޕީއެމްއިން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ނިންމަވައިފައެވެ. ނަމަވެސް، ރައީސް ޔާމީނުގެ މައްޗަށް ކުރި މަނީލޯންޑަރިންގެ ހުކުމް ދެމިއޮތްހާ ހިނދަކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށާއި ޕްރޮގްރެސިވް ކޯލިޝަންގެ އަމާޒަކީ ރައީސް ޔާމީން މިނިވަންކުރުން ކަމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމިން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލައިގައި ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ. އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު